ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހަކު އެ މަނިކުފާނަށް ރިބަން ކަނޑަން ޖެހިވަޑައިގަންނަވާ ވަރަށް މި ސަރުކާރުގެ މަޝްރޫއުތައް ނިމިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ތޮއްޑުއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ރަށްރަށުގެ ބަނދަރު ތަރައްގީކޮށް ނިންމާފައިވާ ކަމަށެވެ. "ހަމައެކަނި ބަނދަރުގެ ވާހަކަ ދައްކަންވެއްޖިއްޔާ އަޅުހަނޑުގެ ވާހަކަ ނުނިމި ބައިގަޑި އިރު ވަރުވާނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މި ސަރުކާރުގެ މިހާތަނަށް އައި އިރުގައި ކޮށްނިންމާފައި ހުރި ކަންތައްތައް ހުޅުވަން ޖެހޭ ކަމަށްވަންޏާ، ރިބަން ކަނޑަން ޖެހޭ ކަމަށްވިއްޔާ، އަޅުގަނޑުގެ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަން ޖެހޭނީ އެކަމަށް. އެ ވަރަށް މަސައްކަތްތައް ނިމިފަ އެބަހުރި. މަސައްކަތްތައް ކުރެވެމުން އެބަދޭ. ދައުރުގެ މިއަހަރުގެ ޖުލައި އޮގަސްޓްހާ ހިސާބަށް ދާއިރުގާ މި ދެންނެވި ހުރިހާ މަސައްކަތެއްހެން ހުންނާނީ ނިމިފަ. އަޅުގަނޑު ވަގުތު އެކަމަށް ހޭދަކުރާނަމަ ދެން ނޯންނާނެ ކުރާނެ އެހެންކަމެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަކި މުއްދަތަކަށް މަޝްރޫއުތައް ނިމެނީ ޕްލޭން ކޮށްގެން އަމާޒެއް އޮވެގެން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19އިގެ ދަތި ވަގުތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑްގެ ދަތި ވަގުތުގައިވެސް މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމީ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެތީ ކަމަށެވެ. ކޮވިޑްގެ ދުވަސްވަރު މަޝްރޫއުތައް ހުއްޓާލައި އަދި ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރިނަމަ، ރާއްޖޭގެ ހާލަތު މިހާރު މިއޮތްގޮތަށް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު