މިއަހަރު ތެރޭގައި އއ. ތޮއްޑޫން 200 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ތޮއްޑުއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ތޮއްޑޫގެ ރައްޔިތުން ތިބީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. ތޮއްޑޫން މިއަހަރު 100 ގޯތި ދޫކުރަން ނިންމާފައިވާ އިރު، އެއީ ތޮއްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ އޮތް މިންވަރާ އަޅައި ބަލާއިރު އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް އަނެއްކާވެސް ޔަގީންކަން އަރުވަނީ އެ 100 ގޯއްޗަށް ފަހުގައި އިތުރު 100 ގޯތި މިއަހަރު ތެރޭ ތޮއްޑޫން، ތިބޭފުޅުންނަށް އިތުރު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެ ރައްޔިތުންގެ އަޑުއައްސަވައިގެން ކަމަށެވެ.

އެ މަނިކުފާނު އެއްވެސް ރަށަކާ މެދު ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށާއި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެ ވިސްނުންފުޅުގައި ކަމަށެވެ. މިހާރު 144 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރު ނިމޭއިރު ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށެއް ނުވަތަ ރައްޔިތެއް ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ސަރުކާރުން ރަށްރަށަށް ގެނެސްދޭ ތަރައްގީގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބެމުންދާ ކަމަށެވެ. ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި ރަށްތަކުގެ ބަނދަރު ތަރައްގީކުރަމުންދަނީ އެ ސަބަބާހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ސަރުކާރުގައި ކުރަމުންދާ ކަންކަމުގެ ރިބަން ކަނޑަން ޖެހިއްޖެނަމަ މިއަހަރު ތެރޭގައި އެ މަނިކުފާނު ކުރައްވަން ޖެހޭނެ ހަމައެކަނި މަސައްކަތަކީ ރިބަން ކެނޑުން ކަމަށް ރައީސް ވިދާޅުވިއެވެ. މިއަންނަ ޖުލައި މަސް ނުވަތަ އޮގަސްޓް މަހުގެ ނިޔަލަށްދާ އިރު، ގިނަ މަޝްރޫތައް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.