ސްޕެނިޝް ލަލީގާ

ބާސާ ކުރިއަށް، މޮޅަކާއެކު ރެއާލް ފުލުގައި ވިއްދާފައި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ރެއާލް މެޑްރިޑުން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ބާސާއިން ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި އެތުލެޓިކް ކްލަބު ކައިރިން ރޭ ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާ އެއްވަނަ ދަމަހައްޓާފައި ވަނީ ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. 17 މެޗުން 44 ޕޮއިންޓާއެކު ބާސާ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި ރެއާލް އޮތީ 17 މެޗުން 41 ޕޮއިންޓާ އެކުގައެވެ.

ބާސާއިން ރޭ ކުޅުނު މެޗުގައި އެ ޓީމުގެ އެންމެ އެކަށީގެންވާ އެޓޭކިން ފެންވަރު ނުފެނުނު ނަމަވެސް، ފުރަތަމަ ކޮޅުގައި އުސްމާން ޑެމްބޭލޭ އުފެއްދި ހަމަލާ ފާހަގަވިއެވެ. އެ ހަމަލާ ދިޔައީ މަތިން ބޭރަށެވެ. އަނެއްކޮޅުން މަޔޮރަލް އުފެއްދި ހަމަލާ މަތަކޮށް ބޭރުކޮށްލީ އަންދްރޭ ޓާ ސްޓެގެންއެވެ.

ބާސާއިން މެޗުގައި ޖެހި ހަމައެކަނި ގޯލް، 35 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޑްރީއެވެ. ޖޫލްސް ކޫންޑޭގެ ޕާހަށް ކުރިއަށް ދުވެ، ޕެޑްރީ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާ އެކުގައެވެ. ދެވަނަ ހާފްގައި އިތުރު ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، ބާސާގެ ފަރާތުންވެސް ފެނުނީ މަދު ހަމަލާތަކެކެވެ.

ރެއާލުން ރޭ ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކަރިމް ބެންޒެމާއެވެ. މާކޯ އެސެންސިއޯ ބޮލުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ގޯލަށް ވައްދާލައި ރެއާލުން ލީޑު ނެގި އިރު، އޭގެ ފަހުން އަސެންސިއޯ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

އެތުލެޓިކް ކްލަބުގެ ނިކޯ ވިލިއަމްސްގެ ބާރު ހަމަލާއެއްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި ނަމަވެސް، ރެއާލުން ވަނީ މެޗުގެ ފަހުވަގުތުގައި ދެވަނަ ގޯލެއް ޖަހައިފައެވެ. އެ ގޯލް ޖެހީ ޓޯނީ ކްރޫސްއެވެ.