އެމްޑީޕީގެ ޕްރައިމަރީތަކަކީ އަބަދުވެސް ވާދަވެރި އިންތިހާބުތަކެއް ކަމަށާއި ނަމަވެސް މިހާރު ފެންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރާ މީހުންނަށް ދިމާކޮށް ހަމަނުޖެހުން އުފައްދަން އުޅޭ މަންޒަރު ކަމަށް ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ސްޕޯކްސްޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިިދާޅުވެއްޖެއެވެ.
ނާޝިޒް މިގޮތަށް ވިދާޅުވެފައި މިވަނީ، ރައީސް ސޯލިހަށް ތާއިދުރައްވައި އެ މަނިކުފާނުގެ ކެމްޕޭނަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ތުޅާދޫ ވަޑައިގެންނެވުމުން، ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައިފައެވެ.
ލައުޑްސްޕީކާ ބޭނުންކޮށްގެން ހިސާންއަށާއި ރައީސް ސޯލިހަށް ފާޑު ކިޔަމުން އެމީހުން ވަނީ ހިސާންގެ ފަހަތުން އަޑުއުފުލަމުން ހިނގައިފައެވެ. އަދި ވަނީ ހިސާންގެ އިސްތިއުފާއަށްވެސް ގޮވާލައިފައެވެ. އެކަންކަމުގައި އެރަށުގެ އެމްޑީޕީގެ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެއެވެ.
އޭގެ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ އެ ޕޯސްޓް ޝެއާކޮށް، އެކަމަށް ހިތްވަރުދީފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރައީސް ސޯލިހްގެ އަރިހުގައި ތިނަދުއަށް ވަޑައިގަތުމުން ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ އިސް އެކްޓިވިސްޓަކު މޫސައަށް ފާޑު ކިޔާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި މޫސައަކީ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ ހުރި ބޭފުޅެއް ކަމަށް ބުނެ އޭނާ ވަނީ ތުހުމަތުތަކެއްކޮށްފައެވެ. މޫސަ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
އެކަމާ ގުޅިގެން ނާޝިޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީތައް ކިތަންވެ ވާދަވެރިވިޔަސް މީގެ ކުރިން ދުވަހަކުވެސް ހަމަޖެހުން ނަގާލުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ.
"އެކަމަކު މިއަދު ފެންނަނީ ރައީސްއަށް ކެމްޕޭންކުރާ މީހުންނާ ދިމާކޮށް މި އުސޫލުތައް މުގުރާލާ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާތަން،" ނާޝިޒް ވިދާޅުވިއެވެ.
އެފަދަ ކަންކަމަށް ހިތްވަރުދީ ކެމްޕޭނުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމަކީ "ހާދަ ހަޑި" ކަމެއް ކަމަށް ނާޝީޒު ވިދާޅުވިއެވެ. ވާދަވެރި ކެންޑިޑޭޓަށް ތާއިދުކުރާ އެމްޑީޕީގެ މެމްބަރުން އެފަދަ ނާތަހުޒީބް އަދި ފިނޑި އަމަލުތަކަށް ހިތްވަރުދީ، އެކަން ޕްރޮމޯޓްކުރުން ކުށްވެރިކުރާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.
ނާޝީޒްގެ އިތުރުން ރައީސް ސޯލިހަށް ތާއިދުކުރާ އެހެން މެމްބަރުންވެސް ވަނީ އެކަންކަން ކުށްވެރިކޮށްފައެވެ.