ޚަބަރު

އީއައިއޭ ނުހަދައި ހުރުއެޅީގައި މަސައްކަތްކުރުމުން 28 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މުހައްމަދު އިޝާން

އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ހުރުއެޅި ބަނދަރުގެ މަސައްކަތް، އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މަރުހަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމުން އެ ރަށް ހިންގާ ކުންފުނި 28،489،525 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުރުއެޅި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަވުމުން އެ މައްސަލަ ބަލާފައިވާނެ ކަމަށެވެ.

އީޕީއޭއިން ބުނީ، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް ހިއްސާކޮށްދިނުމަށް މަސައްކަތުގެ ކޮންޓްރެކްޓަރު ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައި އެދިފައިވާނެ ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ކުންފުނީގެ ފަރާތުން އީޕީއޭއަށް ފޮނުވި އިންސިޑެންޓް ރިޕޯޓުގައި ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1،055 އަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1،582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ގާއިމުކޮށްފައިވާ ކަމަށް އިއުތިރާފުވެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން ބަނދަރުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ފަށައި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިންމާފައިވާ ކަމަށްވެސް އެ ކުންފުނީގެ ފަރާތުން ބުނެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު" ގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް ކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން ހުރަހެޅި އިންވެސްޓްމެންޓް 20،000 ރުފިޔާއިން ޖޫރިމާނާކޮށް އަދި "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ގެ ދަށުން އެ ކުންފުނި 28،469،525 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.