އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލުން މިރޭ ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ހަމަޖެހިލެވޭނެ ގޮތެއް ނުވިއެވެ. ދެޓީމަށްވެސް އަނިޔާގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު، ލިވަޕޫލްގެ ފަހަތުން މިރޭވެސް ވާޖިލް ވެން ޑައިކް ފެނިފައެއް ނުވެއެވެ. އޭގެ އިތުރުން އެލެކްސެންޑްރާ އާނޯލްޑްވެސް ބެންޗުން ފެށި އިރު، ޗެލްސީގެ މެދުތެރެއިން މަޓެއޯ ކޮވަސިޗާއި ފަހަތުން ރީސް ޖޭމްސް، ބެން ޗިލްވެލް، އަދި ފޯވަޑް ރަހީމް ސްޓާލިންވެސް މިރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ.
އެއާއެކު ޗެލްސީއާއެކު ފުރަތަމަ މެޗަށް ނުކުމެ ރަތް ކާޑު ހޯދި ޔާއޯ ފެލިކްސް އަދިވެސް ހުރީ ސަސްޕެންޝަނުގައެވެ.
ޗެލްސީއަށް އަލަށް ގެންދިޔަ މައިހައިލޯ މުޑްރީކް މިރޭގެ މެޗުގެ ދެވަނަ ހާފަށް ނުކުމެފައިވާ އިރު، އެޓީމަށް މިރޭގެ މެޗުން ލިބުނު އުފާވެރިކަމަކީ އޭނާގެ ރަނގަޅު ކުޅުމެވެ. ދެވަނަ ހާފަށް ނުކުމެ މުޑްރީކް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދައި، ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
މެޗުގެ ދެވަނަ މިނެޓުގައި ޗެލްސީގެ ކައި ހަވާޓްސް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި، އެޓީމުން އުފާފާޅުކުރި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެޓޭކިން ރަނގަޅުކޮށް ފެށި ޗެލްސީން ހިލޭ ޖެހުންތަކުގައި ނުރައްކާ ކުރަމުން ދިޔަތަން ފެނިގެން ދިޔަ އިރު، ހަކީން ޒިޔެޗްގެ ހިތްގައިމު ހުރަހެއްގައި ބެނޮއިޓް ބަޑިއަޝީލޭ ބޮލުން ޖެހި ބޯޅަ މަތަކުރީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލްގެ ނުރައްކާ ފެނުނީ ކުޑަކޮށެވެ. އަރިމަތިން މުހައްމަދު ސަލާހަށްވެސް އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ އިރު، ކުރިއަށް ކުޅުނު ކޯޑީ ގަކްޕޯއަށް ލިބުނު ފުރުސަތު އޭނާ ނަގައިލިއެވެ. ލިވަޕޫލުން ގޯލާ އަމާޒުކޮށް ފޮނުވި ފުރަތަމަ ހަމަލާ ތިއާގޯ އަލްކަންޓްރާގެ ފަރާތުން ފެނުނު އިރު، އެ ހަމަލާގައިވެސް މާ ބޮޑު ބާރެއް ނެތި ދިޔައީ ކެޕާ އަރީޒާބަލާގާ އަތަށެވެ.
ސީޒަނަށް ލިވަޕޫލަށް ގެނައި ޑާވިން ނުނޭޒް މިރޭގެ މެޗުވެސް ފަށައިފައެއް ނުވެއެވެ. އޭނާ މިރޭގެ މެޗުގެ ބެންޗަށް ނުކުތީ އެންމެފަހުން ކުޅުނު ދެމެޗުގައިވެސް އަނިޔާގެ ސަބަބުން ނުކުޅެ ހުރެފައެވެ.
ދެވަނަ ހާފުގައިވެސް ޗެލްސީ ބޮޑަށް ނުރައްކާކޮށް ފެނުނު އިރު، ޒިޔެޗާއި ކޯނޯ ގަލެގާއަށް ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ބޯޅަތައް ދިޔައީ މާ މަތިން ބޭރަށެވެ. އަނެއްކޮޅުން ކައުންޓާ އެޓޭކްގައި ސަލާހަށް ލިބުނު ފުރުސަތު އޭނާއަށް ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.
މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހުމާއެކު ދެޓީމަށްވެސް އެއީ މާޔޫސީ ނަތީޖާއެކެވެ. މެޗަށް ނުކުތް އިރު، ދެޓީމަށްވެސް ގަދަ ހަތަރެއް ހޯދަން ކޮންމެހެންވެސް މޮޅެއް މުހިއްމުވެފައި އޮތް އިރު، މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ލިވަޕޫލް އަށްވަނައިގައި އޮތީ 19 މެޗުން 29 ޕޮއިންޓާ އެކުގައެވެ. ޗެލްސީ އޮތީ 10 ވަނައިގައެވެ. އެއީ 20 މެޗުން 29 ޕޮއިންޓާއެކުގައެވެ.