ރާއްޖޭގެ ވެރިކަން ހޯދުމަށްޓަކާ ރައީސް އަބްދުﷲ ޔާމީނާއެކު ރައީސް މުހައްމަދު ނަޝީދު ކޯލިޝަން ހަދާފާނެތީ ބިރުހީވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާލޭ އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން މާރިޔާ އެހެން ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެ ދުވަހު ނަޝީދު ވިދާޅުވީ، ރައީސް ޔާމީނަކީ ތަންދޮރުދަންނަ ވިޝަންއެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި ރައީސް ސޯލިހަށްވުރެވެސް ރައީސް ޔާމީން ގާބިލު ކަމަށެވެ. އަދި ޕީޕީއެމްއާއި ރައީސް ޔާމީނާ ދެމެދު އޮންނަ ހަމައެކަނި ހިޔާލުތަފާތުވުމަކީ "އިންޑިއާ އައުޓް" މައްސަލަ ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި މާރިޔާ މިރޭ ވިދާޅުވީ ރައީސް ޔާމީނާއި ރައީސް ނަޝީދު ވަރަށް އެއްގޮތް ކަމަށް އެ މަނިކުފާނު ވިދާޅުވާ އަޑު މިހާރު އިވެމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދު ކެމްޕެއިން ދަތުރުތަކަށް ރަށްރަށަށް ވަޑައިގަންނަވާ އިރު، ޖަލްސާތައް ތައްޔާރުކުރުމަށާއި ރައީސް ނަޝީދުގެ އިސްތިގުބާލަށް ޕީޕީއެމްގެ އެކްޓިވިސްޓުން ނުކުމެ ހަރަކާތްތެރިވާ ވާހަކަތައްވެސް އިވެމެންދާ ކަމަށް ވިދާޅުވިއެވެ.

"އެ މަނިކުފާނު އެބަ ދައްކާ ކޯލިޝަނެއްގެ ވާހަކަވެސް. އެހެންކަމާއެކު މިއަދު އަޅުގަނޑަށް ހަމަގައިމުވެސް އެންމެ ބިރު ހީވަނީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާ އެކީގައި ކޯލިޝަނެއް ހައްދަވާފާނެތީ" މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނުގެ މަގާމުގައިވެސް ހުންނެވި މާރިޔާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ ހިތަށް އުދަނގޫވާ ވާހަކައެއް ކަމަށެވެ. އަދި އެއީ ރައީސް ނަޝީދު ފަހަތުގައި ތިބި އެމްޑީޕީ މެމްބަރުންވެސް ވިސްނަންޖެހޭ ކަމެއް ކަމަށާއި ޖަޒުބާތުގައި ޖެހިގެން ނަމަވެސް ރައީސް ނަޝީދު އެފަދަ "މޮޔަ ކަމެއް" ކުރުުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.