ވެރިކަމުގެ ދައުރެއްގެ ތެރޭގައި އަލަށް އަޅަން ފަށާ ފުލެޓުތަކުގެ މަސައްކަތް ނިންމައި ތަޅުދަނޑި ހަވާލުކުރާނީ އެ މަނިކުފާނުގެ މި ވެރިކަމުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ، ރަނގަޅު ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ހޯދައިދިނުމަށް މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމުލަ 16،000 ފުލެޓާއި ރޯހައުސް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މާލެ ސަރަހައްދުގައި އެކަނި 7،590 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، އެ ހައުސިން މަޝްރޫއުތަކުގެ މަސައްކަތް ނިންމައި، ވެރިކަމުގެ މި ދައުރުގައި އެތަން ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ.

"ކުޑަކުޑަ ޝައްކެއްވިޔަސް ނުކުރައްވާތި. މާލެ ތޮއްޖެހި، މާލެ މައިނޭވޭ، ހަމަނޭވޭއަށް ފެއްތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަނެއްކާވެސް ސާފު ބަހުން ދަންނަވަން. މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި، އިން ވަކިކޮށް ގޯތި ދޭނީ އަޅުގަނޑު. ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށައި ނިންމައި ފުލެޓްގެ ތަޅުދަނޑި އަތަށް ދޭނީ އަޅުގަނޑު،" ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ތައުލީމީ އަދި ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަން ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ އެ މަނިކުފާނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައި ދެއްކެވި ވާހަކައަށްވެސް ރައީސް ސޯލިހު މިރޭ ރައްދުދެއްވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް ރައީސް ޔާމީނަކީ ކަމުދާ ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީނާ ގުޅިގެން ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެންބަރުން އަނިޔާވެރިކަން ތަހަމައްމަލު ކޮށްފައިވާ ކަމަށާއި އަލުން އެމްޑީޕީ މެމްބަރުން މަގުމަތިވިޔަ ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.