ސައުދީ އަރަބިއާ

ޗެރިޓީ މެޗުގައި ރޮނާލްޑޯ އާއި މެސީގެ ގޯލްތައް، މޮޅުވީ ޕީއެސްޖީ

ސައުދީ އަރަބިއާއިން އިންތިޒާމް ކޮށްގެން ބޭއްވި ހާއްސަ ޗެރިޓީ މެޗުގައި ސައުދީ ލީގުގައި ރިޔާދަށް ނިސްބަތްވާ ޓީމުތަކުގެ 11 ކައިރިން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ޕީއެސްޖީން މެދުއިރުމަތީގެ ގައުމުތަކަށް ކުރަމުންދާ ހާއްސަ ޓުއާގައި ސައުދީ އަރަބިއާއަށް މިއަދު ދިޔައީ ގަތަރަށް ދިޔުމަށް ފަހުއެވެ. ޕީއެސްޖީއަކީ ގަތާރީ ސްޕޯޓްސް އިންވެސްޓްމެންޓްގެ އޯނާޝިޕްގެ ދަށުން ހިންގަމުންދާ ކްލަބަކަށްވާ އިރު، އެ ޓީމުން ވަނީ ގަތަރުގައި ހާއްސަ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ގަލްފް ސަރަހައްދަށް ޕީއެސްޖީން ކުރި ދަތުރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮތް ކަމަކީ މިރޭ ރިޔާދަށް ނިސްބަތްވާ އަލް ހިލާލާއި، އަލް ނަސްރަށް ނިސްބަތްވާ އޯލް ސްޓާ ޓީމަކާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗެވެ. ރޮނާލްޑޯގެ ޓްރާންސްފާއާއެކު ސައުދީއަށް ގިނަ ބައެއްގެ ލޯތައް އަމާޒުވި ދަނޑިވަޅުގައި ސައުދީ ލީގުގައި ރިޔާދަށް ނިސްބަތްވާ އަލް ހިލާލާއި އަލް ނަސްރުގެ ކުޅުންތެރިން ޓީމަކާއި ޕީއެސްޖީއާ ދެމެދު އެކުވެރިކަމުގެ މެޗެއް މިރޭ ކުޅުނީ ހާއްސަ ޗެރިޓީ މެޗެއްގެ ގޮތުގައެވެ.

ޕީއެސްޖީން މިރޭ ކުޅުނު މެޗަކީ ހާއްސަ ޗެރިޓީ މެޗަކަށްވެފައި އޮތް އިރު، އެންމެ ގިނަ ބައެއް މެޗަށް ސަމާލުކަން ދިނީ ހަތް ފަހަރު ބެލޮންޑިއޯ ހޯދި ލިއޮނަލް މެސީ އާއި ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯގެ ކުރިމަތިލުމަކަށް މިރޭގެ މެޗު ވީތީއެވެ. މެޗު ވެގެންދިޔައީ ސައުދީއަށް ބަދަލުވި ފަހުން ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗަށެވެ. މެޗުގައި އަލް ރިޔާދު ޓީމުގެ ކެޕްޓަނަކީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއެވެ.

ޕީއެސްޖީން މެޗަށް ނެރުނު ފުރަތަމަ 11 ގައި ނޭމާ އާއި ކިލިއަން އެމްބާޕޭ އާއި މެސީ ފަދަ ކުޅުންތެރިން ހިމަނާފައިވާ އިރު، ރޮނާލްޑޯގެ އިތުރުން ރިޔާދުގެ ޓީމުން ސައުދީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނެއެވެ. އެގޮތުން ސަލެމް އަލް-ދައުސާރީ އާއި ގޯލްކީޕަރު މުހައްމަދު އަލް އޮވައިސް ފާހަގަވިއެވެ.

މެޗު 5-4 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކުރި އިރު، ސައުދީގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމް އޮތީ ފުރިފައެވެ. މެސީ މެޗުގައި ފުރަތަމަ ގޯލް ޖެހި އިރު، ރޮނާލްޑޯގެ ދެ ގޯލް މެޗުގައި ފެނުނެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީގެ ޖުލިއަން ބަނެޓަށް ރަތް ކާޑު ދައްކާފައިވާ އިރު، ނޭމާ އަތުން ޕެނަލްޓީއެއްވެސް ނާކާމިޔާބުވެފައިވެއެވެ.

ދެވަނަ ހާފުގައި ޕީއެސްޖީގެ ގޯލްތައް ޖަހައިދިނީ ސާޖިއޯ ރާމޯސް އާއި މާކީނިއޯސް އަދި އެމްބާޕޭ އާއި ހޫގޯ އެކްޓިކޭއެވެ. ދެވަނަ ހާފުގައި ޕީއެސްޖީން ގިނަ ބަދަލުތަކެއް ކޮށްފައިވާ އިރު، ނަސްރުގެ ގޯލްތައް ޖަހައިދިނީ ޔުން-ސޫ ޔޭންގާއި އެންޑާސަން ޓަލިސްކާއެވެ.

މިރޭގެ މެޗުން ލިބުނު ފައިސާ ހާއްސަ ޗެރިޓީއަކަށް ހޭދަކުރަން ނިންމާފައިވާ އިރު، މެޗުން ލިބޭ ފައިސާގެ އަދަދު ބޮޑު ކުރުމަށް ހާއްސަ ޓިކެޓެއް ނީލަން ކިޔާފައިވެއެވެ. ނީލަން ނިމި ސައުދީން ނަތީޖާ އިއުލާން ކޮށްފައިވާ އިރު، ޓިކެޓް ގަނެފައިވާ އަގަކީ 2.6 މިލިއަން ޑޮލަރެވެ. އެއީ 10 މިލިއަން ރިޔާލެވެ. އެ ޓިކެޓް ގަނެފައި ވަނީ ސައުދީ އަރަބިއާގެ ރިއަލް އެސްޓޭޓް މަހުޖަނެއް ކަމަށްވާ މުޝްރެފް އަލް-ގަމްދީއެވެ.