ވޯލްޑް ކަޕް 2026 ގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުން ސައުދީ އަރަބިއްޔާއަށް ނަތީޖާއެއް ނެރެވިދާނެކަމުގެ އުންމީދު ބިނާވެފައިވަނީ ސްޕެއިންގެ ލަމީން ޔަމާލް އާއި ނީކޯ ވިލިއަމްސް ކުޅުމާ މެދުގައި ކަމަށް ސައުދީގެ ކޯޗު ޖޯޖިއޯސް ޑޮނިސް ބުނެފިއެވެ.
އަނިޔާއިން ރަނގަޅުވުމަށް މަސައްކަތްކުރަމުން އަންނަ ޔަމާލް އާއި ވިލިއަމްސް ވަނީ، ކޭޕް ވާޑްއާ ދެކޮޅަށް ސްޕެއިން ކުޅެ ގޯލެއް ނުޖެހި އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެފައެވެ. ނޫސްވެރިންނާ ވާހަކަދައްކަމުން ޑޮނިސް ބުނީ، ޔަމާލް ނުވަތަ ވިލިއަމްސް ބެންޗުގައި ތިބޭއިރު ސްޕެއިންގެ ފަރާތުން ފެންނަނީ ތަފާތު ކުޅުމެއް ކަމަށެވެ.
"ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މި ދެ ކުޅުންތެރިން ނެތް ނަމަ، ކުރިއަރައިގެން ދިއުމުގެ ބާރު އެ ޓީމުގައި ނުހުރޭ،" ޑޮނިސް ބުންޏެވެ.
ޑޮނިސް އިތުރަށް ފާހަގަކުރި ގޮތުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭއިރު ބޯޅަ ހިފަހައްޓައިގެން ކުޅުމަކީ އުނދަގޫ ކަމަކަށް ވާނެތީ، ސައުދީން ޖެހޭނީ ކުށްތައް މަދުކޮށް ޓީމު އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ޑިފެންސްކުރުން ވަރުގަދަކުރާށެވެ. އަދި އިދިކޮޅު ޓީމަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް އެއީ މާ ބޮޑަށް ކުރަންޖެހޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ޔަމާލްގެ ފިޓްނަސްއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އޭނާ ބުނިގޮތުގައި ޔަމާލްގެ ހާލަތު ރަނގަޅު ކަމަށާއި އެއީ ލިބުނު އެންމެ އުފާވެރި ހަބަރު ކަމަށެވެ. ނަމަވެސް އޭނާ ކުޅޭނީ ކިތައް މިނެޓުކަން އަދި ނިންމާފައިނުވާ ކަމަށާއި އެންމެ މުހިންމު ކަމަކީ އޭނާ އެނބުރި އައުން ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ.
އެންމެ ފަހުން ގަތަރުގައި ވޯލްޑް ކަޕްގައި ސައުދީން ވަނީ އާޖެންޓީނާ ބަލިކޮށް ބޮޑު ހައިރާންކަމެއް ގެނެސްފައެވެ. ނަމަވެސް އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސައުދީ ކެޓި އިރު، އާޖެންޓީނާ ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ.
ޑޮނިސް ބުނީ ފުޓުބޯޅައިގައި ހައިރާން ނަތީޖާތައް ފެނުމަކީ އުފާވެރި ކަމެއް ކަމަށާއި އާޖެންޓީނާ މެޗަކީ ރަނގަޅު ހަނދާނެއް ނަމަވެސް، އެކަމުން މިހާރު ނަގާނެ ފައިދާއެއް ނެތް ކަމަށެވެ.
މި ވޯލްޑް ކަޕްގައި ސައުދީން ކުޅުނު ފުރަތަމަ މެޗުގައި އުރުގުއާއީއާ ދެކޮޅަށް ކުޅެ ވަނީ 1-1 އިން އެއްވަރުވެފައެވެ. ޑޮނިސް ބުނިގޮތުގައި މުބާރާތުގެ ގަދަ 32 އަށް ދިއުމުގެ އުންމީދު އެންމެ ބޮޑަށް ގުޅިފައިވަނީ ކޭޕް ވާޑްއާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗާއެވެ. އަދި ސްޕެއިން މެޗަށްވުރެ ބޮޑަށް އެ މެޗުގައި ޕްރެޝަރު ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގެ "ގްރޫޕު އެޗް" ގައި ޔޫރަޕް ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ސައުދީން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް