ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން މިއަދު ބުނީ މި ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފުރުސަތެއް ކަމަށްވެސް ބުންޏެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައި ވަނީ ވޯޓާ ސަލިއުޓަކާ އެކުގައެވެ. މީގެ އިތުރުން، ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާ އެކު ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ހާއްސަ މުނާސަބަތާ ގުޅިގެން، ރާއްޖެއަށް އައި ފަސިންޖަރުންނަށާއި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާވެސް ބަހައިފައެވެ.

އެމްއޭސީއެލުން ބުނީ ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށެވެ. އަދި ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާ އިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް އެމްއޭސީއެލުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުން ކަމަށެވެ.