ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ލ. އަތޮޅަށް ވަޑައިގަންނަވާ އިރު، އެއަތޮޅުގެ ރަށްތަށް ގުޅާލުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު އެއަތޮޅުގެ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ލ. ކައްދުއަށް މިރޭ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް އުޅެވޭނީ އަސާސީ ކަންކަން ފުރިހަމަކޮށްދީގެން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގައި އެއްވެސް ރަށެއް އަދި ސިޔާސީ ގޮތުން ހިޔާލުތަފާތުވާ ފަރާތްތައްވެސް ބާކީނުކޮށް އަސާސީ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެއަށް ތޮއްޖެހުން ކުޑަކުރަން އަތޮޅުތެރޭ ރަށްތައް ތަރައްގީކުރަން ޖެހޭ ކަމަށެވެ. އެކަން މި ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ލ. ކައްދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަދި ލ. ގަމުގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކޮށް ނިމުމުން އެކަން ވެގެންދާނީ މުޅި ދެކުނުގެ އަތޮޅުތަކަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށް ކަމަށާއި އެކަމުގެ ސަބަބުން މާލެއަށް ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލާމު އަތޮޅުގެ ރަށްތައް ގުޅުވާލުމަކީ އަޅުގަނޑުމެންވީ ވައުދެއް. ބައެއް ރަށްރަށް އެބަހުރި ވަރަށް ތިލަފަޅުގައި ހުރި ރަށްރަށް. އެވާހަކަވެސް އަޅުގަނޑުމެން ދެއްކީ ހަމަ ބުނެލާފަ ދޫކޮށްލާކަށް ނޫން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެކަން ކުރަމުންދާތަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ އަޅުގަނޑު މިރަށްތަކަށް އަންނައިރުގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާތަން ތިބޭފުޅުންނަށް ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ލ. އަތޮޅަކީ ވިޔަފާރީގެ މައި ހަބަކަށް ވާނެ އަތޮޅެއް ކަމަށާއި އެކަން ކުރެވެން އޮތީ ކައްދޫ އެއާޕޯޓުގެ ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވިގެން ކަމަށެވެ. ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެންދާ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވަޑައިގެންނެވި ރަށްރަށުން ފެނިވަޑައިގެންނެވީ، މި ސަރުކާރާއެކު ކުރިއަށްދާން ތިބި މަންޒަރު ކަމަށެވެ. އެރަށްރަށުން ފެނިވަޑައިގަތީ ތަރައްގީގެ މަސައްކަތުގައި އެމްޑީޕީއާއެކު ކުރިއަށްދާން ތިބި ރައްޔިތުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން މި އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ މަންޒަރު. ލ އަތޮޅުން ގަމާއި ފޮނަދޫ އަދި އެހެން ރަށްރަށުގެ މަންޒަރު ވެސް އަޅުގަނޑަށް ވަރަށް ސާފު. ފެންނަނީ ހއ. ހދ. ށ. ނ. ރ. ބ. ޅ. އަށް ބެލިކަމުގައިވިޔަސް، މި ހުރިހާ އަތޮޅަކުންވެސް މި ހުރިހާ ރަށަކުން ވެސް ފެންނަނީ ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބުކުރާ ތަން," ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ ތަފާތު ސިޔާސީ ފިކުރުތަކުގެ މީހުންނާ ގުޅިގެން ކަމަށާއި އެކަން ކުރެއްވޭނެ ބޭފުޅަކީ އެ މަނިކުފާނު ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީ މެމްބަރުން މަގުމަތިވިޔަ ނުދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު