ޚަބަރު

ކުޑަކުއްޖަކު ރޭޕްކޮށް ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނެގި މީހަކު 40 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

ކުޑަކުއްޖަކު ރޭޕްކޮށް އެ ކުއްޖާގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނެގި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމްކުރީ، ލ. ކަލައިދޫ/ މާކަރީލައިޓް، މުހައްމަދު ޝަޒްލީފްގެ މައްޗަށެވެ.

މި މައްސަލާގައި ޝަޒްލީފްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، އެ ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނެގި މައްސަލައިގައެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ ރޭޕްގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

މީގެ ތެރެއިން ރޭޕްގެ ކުށް ސާބިތުވެފައިވާތީ ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި އިރު، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރިއެވެ.

އެކު ޖުމުލަ 40 އަހަރަށް އޭނާ ޖަލަށްލި ނަމަވެސް، އެ މައްސަލައިގައި އޭނާ ބަންދުގައި ހުރި މުއްދަތު ކަމަށްވާ ދެ އަހަރާއި އެއް މަހާއި 14 ދުވަސް ވަނީ ހުކުމުން އުނިކޮށްފައެވެ.