ސައުދީ އަރަބިއާ

ރޮނާލްޑޯއާއި މެސީ ވާދަކުރާ މެޗުގެ ހާއްސަ ޓިކެޓް 2.6 މިލިއަން ޑޮލަރަށް ގަތީ ކާކު؟

1

ޕީއެސްޖީން މެދުއިރުމަތީގެ ގައުމުތަކަށް ކުރަމުންދާ ހާއްސަ ޓުއާގައި މިއަދު ވަނީ ގަތަރަށް ގޮސްފައެވެ. ޕީއެސްޖީއަކީ ގަތާރީ ސްޕޯޓްސް އިންވެސްޓްމެންޓްގެ އޯނާޝިޕްގެ ދަށުން ހިންގަމުންދާ ކްލަބަކަށްވާ އިރު، އެ ޓީމުން މި ވަގުތު ގަތަރުގައި ހާއްސަ ހަރަކާތްތަކެއް، ސަޕޯޓަރުންނާއެކު ހިންގަމުންދެއެވެ.

މެދުއިރުމަތީގެ ފުޓްބޯޅަ ޕްރޮމޯޝަނަށް އެ ސަރަހައްދުގެ ގައުމުތަކުގެ މިހާރު ހާއްސަ ކަންތައްތަކެއް ކުރަމުންދާ އިރު، ގަތަރުގެ ވޯލްޑް ކަޕާއެކު އެ މަސައްކަތަށް ވަނީ ފަހިކަމެއް ލިބިފައެވެ. ހާއްސަކޮށް އޭގެ ފަހުން ސައުދީ އަރަބިއާއިން ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ގައުމުގެ އަލް ނަސްރަށް ގެންދިޔުންވެސް ވެގެން ދިޔައީ ފުޓްބޯޅަ ދުނިޔޭގެ ލޯތައް މެދުއިރުމައްޗަށް އަމާޒުވި އެއް ސަބަބަށެވެ. ސައުދީގެ އަލް ނަސްރުން ރެކޯޑް މުސާރައެއްގައި ރޮނާލްޑޯ އެ ކްލަބަށް ގެންގޮސްފައިވާ އިރު، އޭނާ ދައްކާލީވެސް އެތައް ހާސް ސަޕޯޓަރުންނާއެކު ބޭއްވި ބޮޑު އިވެންޓެއްގައެވެ.

ރޮނާލްޑޯގެ ޓްރާންސްފާއާއެކު ސައުދީއަށް ގިނަ ބައެއްގެ ލޯތައް އަމާޒުވި ދަނޑިވަޅުގައި ސައުދީ ލީގުގައި ރިޔާދަށް ނިސްބަތްވާ އަލް ހިލާލާއި އަލް ނަސްރުގެ ކުޅުންތެރިން ޓީމަކާއި ޕީއެސްޖީއާ މެޗެއް މާދަމާ ރެއަށް ވަނީ ތާވަލުކޮށްފައެވެ. އެ މެޗަކީ ފައިސާގެ ލޯތައްވެސް އެކިއެކި ގޮތްގޮތުން އަމާޒުވެފައިވާ މެޗެކެވެ. މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 10:00 ގައެވެ. މެޗަކީ ހާއްސަ ޗެރިޓީ މެޗެކެވެ.

މެޗުގެ ވާހަކަ އިންތިހާއަށް ގަދަވެގެން ގޮސްފައިވާ އިރު، މެޗުން ދެވޭނެ އެހީތެރިކަން ބޮޑުކުރުމަށް ހާއްސަ އެއް ޓިކެޓް ވަނީ ނީލަމުގައި ވިއްކާލައިފައެވެ. މެޗު އިތުރަށް ޕްރޮމޯޓް ކުރުމަށް ސައުދީ އަރަބިއާގެ ޖެނެރަލް އެންޓަޓައިންމެންޓް އޮތޯރިޓީގެ ހާއްސަ އެޑްވައިޒަރެއް ކަމަށްވާ ތުރުކީ އަލް-ޝެއިހް ނިންމަވާފައި ވަނީ ހާއްސަ އެއް ޓިކެޓް ނީލަމަށް ލެއްވުމަށެވެ. އެ ޓިކެޓަށް ހާއްސަ ކަންތައްތަކެއް ފަހިވާނެ ގޮތަކަށެވެ. އެއީ ކުޅުންތެރިންނާއެކު ފޮޓޯ ނަގައި، ކުޅުންތެރިންގެ ޑްރެސިން ރޫމަށް ވަދެ، އަދި އެކުގައި ވަގުތު ހޭދަކުރެވޭނެ ވަސީލަތްތަކާއެކުގައެވެ.

އެ ޓިކެޓްގެ ނީލަން ނިމި ސައުދީން ނަތީޖާ އިއުލާން ކޮށްފައިވާ އިރު، ޓިކެޓް ގަނެފައިވާ އަގަކީ 2.6 މިލިއަން ޑޮލަރެވެ. އެއީ 10 މިލިއަން ރިޔާލެވެ. އެ ޓިކެޓް ގަނެފައި ވަނީ ސައުދީ އަރަބިއާގެ ރިއަލް އެސްޓޭޓް މަހުޖަނެއް ކަމަށްވާ މުޝްރެފް އަލް-ގަމްދީއެވެ.

އަލް-ގަމްދީގެ އެ ފައިސާވެސް މެޗުގެ ހާއްސަ ޗެރިޓީ އިވެންޓް، އެހްސާނަށް ހަދިޔާ ކުރެވިގެންދާނެ ކަމަށް ސައުދީ ސަރުކާރުން އިއުލާން ކޮށްފައިވާ އިރު، މިރޭގެ މެޗު ވެގެންދާނީ ސައުދީއަށް ބަދަލުވި ފަހުން ރޮނާލްޑޯ ކުޅޭނެ ފުރަތަމަ މެޗަށެވެ. މެޗުގައި އަލް ރިޔާދު ޓީމުގެ ކެޕްޓަނަކީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއެވެ.

ޕީއެސްޖީން ނެރޭ ޓީމުގައި ތަރިންގެ ނަންތައް ފާހަގަކޮށްލެވޭ އިރު، އެންމެ ބޮޑަށް ލޯތައް އަމާޒުވާނީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، އާޖެންޓީނާއާއެކު ތަށި އުފުލާލި، ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަށެވެ.