ކޮވިޑާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލުމަށްފަހު، މިއަދު ރަސްމީކޮށް އަލުން އެގައުމުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
ކޮވިޑަށް ފަހު ޗައިނާއިން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާފައި ވަނީ މިއަދު މެންދުރެވެ. ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ އެ ފްލައިޓަށް ވީއައިއޭއިން ވަނީ ވޯޓާ ސެލިއުޓާއެކު މަރުހަބާ ކިޔައިފައެވެ.
ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެ އައި ޗައިނާގެ ފުރަތަމަ ފްލައިޓުން އެގައުމުގެ 198 ފަތުރުވެރިން އައި އިރު، އެ ފަތުރުވެރިންނަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) އިން ވަނީ ބޮޑުބެރާއި ފިނިފެންމަލުން މަރުހަބާ ކިޔައިފައެވެ.
ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އާއި އެމްއޭސީއެލްގެ އިސް މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެންގް ލިޒިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފެށުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޗައިނާއިން ފަތުރުވެރިން އަލުން ރާއްޖެ އަންނަން ފެށުމުން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ.
އެގޮތުން މިއަހަރު ޗައިނާއިން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށާއި އަހަރު ނިމޭއިރު، ރާއްޖޭގެ އެންމެ ޓޮޕް މާކެޓުގެ ލިސްޓުގައި ޗައިނާ އަލުން ހިމެނިގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޗައިނާ މާކެޓަކީ ރާއްޖެއަށް އާ މާކެޓެއް ނޫން. ރާއްޖެ އޮތީ ޗައިނާ ފަތުރުވެރިންނަށް ވަރަށް ބޮޑަށް ތައްޔާރަށް. ޓޫރިޒަމް ވިޔަފާރީގައި އުޅޭ ޗައިނާގެ އޭޖެންޓުންނަކީވެސް ވަރަށް ކުޅަދާނަ އަދި ހުޝިޔާރު ބައެއް. އެހެންވީމަ އިރާދަކުރެއްވިއްޔާ ވަރަށް ބޯކޮށް ޗައިނާ ފަތުރުވެރިން މިއަހަރު ރާއްޖެ އަންނާނެ ކަމަށް ބެލެވޭ،" މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވި ގޮތުގައި އިތުރު އެއާލައިންތަކުންވެސް ރާއްޖެއަށް ދަތުރު ފެށުމަށް ވަނީ އެދިފައެވެ. އެގޮތުން މިމަސް ތެރޭގައި ޗައިނާ އީސްޓާންގެ ޝެޑިއުލް ދަތުރުތައް ވެސް ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާގެ ފަތުރުވެރިން އަންނަން ފެށުމުން މިއަހަރަށް ސަރުކާރުން އަންދާޒާ ކުރި އަދަދަށްވުރެ އިތުރަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ޓޮޕް މާކެޓެވެ. ދާއިރާގެ ގިނަ ބަޔަަކު ގަބޫކުރާ ގޮތުގައި އެއީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓުވެސް މެއެވެ. ކޮވިޑާއެކު ޗައިނާއިން ބައިނަލް އަގުވާމީ ދަތުރުތައް މެދުކަނޑާލުމާއެކު އަދަދުތައް ދަށްވެ، އެ މާކެޓު ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ޗައިނާއިން ބޭރުގައި އުޅޭ އެގައުމުގެ ރައްޔިތުން މަދުން ނަމަވެސް ރާއްޖެ އައިސްފައިވެއެވެ.