އާޖެންޓީނާ

އެކުވެރިކަމުގެ މެޗަކަށް ބަންގްލަދޭޝަށް އާޖެންޓީނާ ގެންނަނީ

ގަތަރު ވޯލްޑް ކަޕް 2022 ކާމިޔާބުކުރި އާޖެންޓީނާގެ ގައުމީ ޓީމް، އެކުވެރިކަމުގެ މެޗަކަށް ބަންގްލަދޭޝަށް ގެންދަން މަސައްކަތް ކުރާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން އެ ވާހަކަ ރިޕޯޓް ކޮށްފައި ވަނީ އެގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް، ކާޒީ ސަލާހުއްދީނާ ހަވާލާދީ އެވެ. މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ކާޒީ ވިދާޅުވީ، ޖޫން މަހު އޮންނަ ފީފާ ދުވަސްތަކުގެ ތެރޭގައި އާޖެންޓީނާ ޓީމް، ބަންގްލަދޭޝަށް ގޮސް މެޗެއް ކުޅުމުގެ އިންތިޒާމް ހަމަޖެއްސުމަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"އާޖެންޓީނާގެ ފަރާތުން މެޗެއް ކުޅުމަށްވަނީ އުންމީދެއް ދީފައި، އަހަރެމެން މި ކަމުގައި އެއްބަސްވެވޭނެ ކަންތައްތަކުގެ ހައްލެއް ހޯދުމަށް މިމަސައްކަތް ކުރަނީ،" ކާޒީ ވިދާޅުވިއެވެ.

ބަންގްލަދޭޝަކީ އާޖެންޓީނާގެ އެންމެ ވަރުގަދަ ސަޕޯޓަރުން ދިރިއުޅެމުން އަންނަ އެއް ގައުމެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން އާޖެންޓީނާއަށް ލިބެމުންދިޔަ ލޯބީގެ ސަބަބުން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީވެސް ވަނީ އެކަމަށް ސަމާލުކަން ދީފައެވެ.

ވޯލްޑް ކަޕް ތެރެއިން ސްކަލޯނީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަންގްލަދޭޝް ރައްޔިތުން އޭނާގެ ޓީމަށް ދެމުން އަންނަ ތަރުހީބު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

އާޖެންޓީނާގެ އެތައް ސަޕޯޓަރުންނެއް ދެކުނު އޭޝިއާގައި އުޅެމުން އަންނައިރު، މީގެ ކުރިން އާޖެންޓީނާއިން ބަންގްލަދޭޝަށް ގޮސްފައިވެއެވެ. 2011 ވަނަ އަހަރު ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާއިން ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި ނުކުތް އިރު، އެ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.