ހަވަނަ ވޯލްޑް ކަޕަށް ނުކުންނަ ކެޕްޓަން ލިއޮނަލް މެސީއަކީ އަދިވެސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

އުމުރުން 38 އަހަރުގެ މެސީ މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރުމަށްފަހުއެވެ. އިންޓަ މަޔާމީއަށް އެންމެފަހުން ކުޅުނު މެޗުގައި މެސީއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އާޖެންޓީނާގެ ވާމް އަޕް މެޗުތަކުގައި މާގިނަ ވަގުތު ކުޅެވިފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާއިން ހޮންޑިއުރަސް ބަލިކުރި އިރު، މެސީ ފެނިގެން ގޮސްފައި ނުވާ އިރު، އައިސްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އެރީ ބެންޗުންނެވެ.

"އާޖެންޓީނާ މީހުން އެކަންޏެއް ނޫން، މުޅި ދުނިޔެވެސް މެސީ ދަނޑުމަތީގައި ކުޅޭތަން ދެކެން ބޭނުންވާނެ،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ މެސީ މިހާރު ފިޓް ކަމަށާއި، ފުރަތަމަ 11 އިން ފެނުން ގާތް ކަމަށެވެ.

އެމެރިކާ ލީގުގައި ކުޅެމުން އަންނަ މެސީ، ގައުމީ ޓީމަށް އިތުރު ވޯލްޑް ކަޕެއްގައި ކުޅެން ނިންމުމާއެކު އެއީ ޓީމަށް އެކަމުން ފައިދާއަށްވުރެ ބޮޑަށް، އެހެން ކުޅުންތެރިންނަށް ފުރުސަތު ގެއްލިދާނެ ކަމެއްތޯ ނޫސްވެރިން ސުވާލުކުރުމުން ސްކަލޯނީ ބުނީ އަދިވެސް އެއީ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށެވެ.

"އަހަރެމެންނާއެކު މެސީ އަބަދުވެސް އެބަހުރި. އޭނާގެ މުހިއްމުކަން ކޮންމެ އުމުރަކަށް ދިޔަސް މި ޓީމަށް މުހިއްމުވާނެ. އަދި މިހާރު ކުރިއަށްވުރެވެސް މެސީ މުހިއްމު،" އާޖެންޓީނާއާއެކު 2022 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ތަކުރާރުކޮށް ބުނީ މެސީއަކީ ދުނިޔޭގެ އެއްވަނަ ކަމަށާއި، އެކަން ބަދަލުވާނެހެން ހީވެސް ނުވާ ކަމަށެވެ.

އާޖެންޓީނާއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް ނުކުންނާނީ މާދަމާ ހެނދުނު 6:00 ގައެވެ.