ވޯލްޑް ކަޕް 2026 ގައި ޖާދުވީ ހެޓްރިކަކާއެކު ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާގެ ގޯލު ރެކޯޑާ ލިއޮނެލް މެސީ އަރައި ހަމަކުރި އިރު، އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެއް ޓީމަކީ އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމެވެ. ފީފާގެ އެންމެ ފަހުގެ ރޭންކިންގައި ދުނިޔޭގެ ތިންވަނައިގައި އޮތް މި ޓީމަކީ، ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައި، ފުޓުބޯޅައިގެ ތާރީހުގައި ރަން އަކުރުން ނަން ލިޔެފައިވާ ޓީމެކެވެ.
އާޖެންޓީނާއިން ވަނީ ފީފާ ވޯލްޑް ކަޕްގެ ތަށި ތިން ފަހަރެއްގެ މަތިން އުފުލާލައިފައެވެ. އެއީ 1978، 1986 އަދި އެންމެ ފަހުން 2022 ގައެވެ. އޭގެ އިތުރުން އާޖެންޓީނާ ވަނީ ލިއޮނެލް މެސީއާއެކު 2014 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަން އަތުން ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕް 2018 ގެ ގަދަ 16 އާ ހިސާބުން ކެޓި ނަމަވެސް، އެންމެ ފަހުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ތަފާތު ދެއްކިއެވެ. ވާދަވެރި ފައިނަލެއްގެ ގޮތުގައި ފާހަގަކުރެވުނު އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުނު ފްރާންސް އަތުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
މީގެ އިތުރުން، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ތަށިވެސް އެންމެ ގިނައިން ހޯދާފައިވަނީ އާޖެންޓީނާއިންނެވެ. އެގޮތުން، 2024 ވަނަ އަހަރުގެ މުބާރާތާއެކު ޖުމްލަ 16 ފަހަރު އެ ޓީމުން ވަނީ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމު ކަށަވަރުކޮށްފައެވެ. ލިއޮނެލް މެސީގެ ލީޑާޝިޕާއެކު ތަރިންތަކެއް ހިމެނޭ އާޖެންޓީނާ މިފަހަރު ނުކުތީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައެވެ.
އަލްޖީރިއާގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. 1964 ވަނަ އަހަރު ފީފާގައި ބައިވެރިވި މި ޓީމު ވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ހަތަރު ފަހަރެއްގެ މަތީން ވާދަކޮށްފައެވެ. އެއީ 1982، 1986، 2010 އަދި 2014 އަހަރުއެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި އަލްޖީރިއާއިން ހޯދި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 1982 ވަނަ އަހަރު ހުޅަނގު ޖަރުމަނުގެ މައްޗަށް 2-1 އިން ކުރި ހޯދުމެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށް، ދެކުނު ކޮރެއާ ކޮޅަށް ހަތަރު ގޯލު ޖަހައިގެން، ވޯލްޑް ކަޕް މެޗެއްގައި ހަތަރު ގޯލު ޖެހި އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފުވެސް އެ ޓީމުން ހޯދިއެވެ. އަލްޖީރިއާއިން ވަނީ 1990 އަދި 2019 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ. އަދި 2021 ވަނަ އަހަރުގެ ފީފާ އަރަބް ކަޕްގެ ޗެމްޕިއަންކަންވެސް އެ ޓީމުން ހޯދިއެވެ.
މިއަދުގެ މެޗަށް އާޖެންޓީނާ އިން ވަނީ ކެޕްޓަން ލިއޮނެލް މެސީ، ލައުޓާރޯ މާޓިނޭޒް، ތިއާގޯ އަލްމާޑާ، ރޮޑްރިގޯ ޑި ޕޯލް، އެލެކްސިސް މެކެލިސްޓާ، އެންޒޯ ފެނާންޑޭޒް، ލިސާންޑްރޯ މާޓިނޭޒް، ކްރިސްޓިއަން ރޮމޭރޯ އަދި ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ފަދަ ކުޅުންތެރިންނާއެކު ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ. ޒުވާން ތަރި ނިކޯ ޕާޒް އާއި ޖޫލިއަން އަލްވަރޭޒް އަދި ވެލެންޓިން ބާކޯ ފެށީ ބެންޗުންނެވެ. މިއަދުގެ މެޗާއެކު މެސީ ވެގެން ގޮސްފައިވަނީ ހަ ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
އަލްޖީރިއާގެ ތަރި ރިޔާދް މަހްރޭޒް މެޗު ފެށީ ބެންޗުންނެވެ. މެންޗެސްޓާ ސިޓީއަށް ކުޅޭ ޑިފެންޑަރު ރަޔަން އައިޓް ނޫރީ އާއި ނަބީލް ބެންޓަލެބް އަދި އިބްރާހިމް މާޒާ ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ. އަދި ގޯލްކީޕަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ލޫކާ ޒިދާނަކީ ފްރާންސް ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިއެކެވެ.
އެމެރިކާގެ ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު ޖޭ"ގެ މެޗުގައި އަލްޖީރިއާގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ އެޓޭކިން ކުޅުމަކާއެކު ކުޅެމުންދިޔަ އާޖެންޓީނާ ކެޕްޓަން މެސީ ވަނީ މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ، އަލްޖީރިއާ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލައިފައެވެ. ނަމަވެސް ލައުޓާރޯ މާޓިނޭޒްގެ ބޯޅަ ލިބުނު އިރު، މެސީ ހުރީ އޮފްސައިޑް މަގާމެއްގައެވެ.
މެޗުގެ އަށްވަނަ މިނެޓުގައި އަލްޖީރިއާ އިން ވެސް ވަނީ އާޖެންޓީނާ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލައިފައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން ފަރެސް ޝެއިބީއަށް ބޯޅަ ލިބުނު އިރު، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ނިންމީ އެއީ ވެސް އޮފްސައިޑެއް ކަމަށެވެ.
މެޗުގެ 17 ވަނަ މިނެޓުގައި މެސީ ވަނީ ހިތްގައިމު ގޯލެއް ޖަހައި ލީޑު ހޯދައިދީފައެވެ. ރޮޑްރިގޯ ޑި ޕޯލް ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާ އަމާޒުވީ އަލްޖީރިއާ ގޯލުގެ މަތީ ކަނަކަށެވެ. މިއީ ވޯލްޑް ކަޕްގައި މެސީ ޖެހި 14 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި އަލްޖީރިއާއަށް ވަނީ އާޖެންޓީނާގެ ކުޅުން ހުއްޓުވުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ގިނަ ވަގުތު އަލްޖީރިއާއިން މަސައްކަތްކުރަން ޖެހުނީ ބޯޅަ ހިފަހައްޓައިގެން އާޖެންޓީނާއިން ކުޅެމުންދިޔަ ކުޅުން ހުއްޓުވުމަށެވެ.
ފުރަތަމަ ހާފު ނިމެނިކޮށް އަލްޖީރިއާގެ ޝައިބީގެ ނުރައްކާ ފެނިގެންދިޔައެވެ. އެގޮތުން އޭނާ ވަނީ ދެ ހަމަލާއެއް ވެސް ފޮނުވާލައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޝައިބީ ފޮނުވާލި ހަމަލާ އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އާޖެންޓީނާއިން އުފެއްދި ފުރަތަމަ ހަމަލާއަކީ ވެސް މެސީ ފޮނުވާލި ހަމަލާއެކެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، އަލްޖީރިއާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި އާޖެންޓީނާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލައުޓާރޯ މާޓިނޭޒް ފޮނުވާލި އެ ހަމަލާ، އަލްޖީރިއާ ކީޕަރު ޒިދާން ވަނީ މަތަކޮށްފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ގޯލެއް ޖަހައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން މެކެލިސްޓާ ފޮނުވާލި ހަމަލާ، ކީޕަރު ޒިދާން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ގޯލުގައި ކީޕަރު ޒިދާންގެ ގޯސް ފާހަގަކޮށްލެވެއެވެ. މެސީގެ އެ ގޯލާއެކު އޭނާ ވެފައިވަނީ، 15 ގޯލާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
އޭގެ ފަސް މިނެޓު ފަހުން މެސީއަށް ވަނީ ހެޓްރިކް ފުރިހަމަކުރުމަށް ވެސް ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި އެ ހަމަލާ، އަލްޖީރިއާ ކީޕަރު ޒިދާން ވަނީ މަތަކޮށްފައެވެ.
ކުޅުން ރަނގަޅުކުރުމަށް މަސައްކަތްތަކެއްކޮށް، މެޗުގެ 69 ވަނަ މިނެޓުގައި އަލްޖީރިއާގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހުސެމް އައޫރް ފޮނުވާލި ހަމަލާ ދިޔައީ އާޖެންޓީނާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 76 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ އަލްޖީރިއާ ގޯލުގެ ތިރީ ކަނަކަށެވެ. އެ ހެޓްރިކަކީ ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ ފުރިހަމަކުރި ފުރަތަމަ ހެޓްރިކެވެ. އަދި އެ ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. މެސީ ވަނީ ވޯލްޑް ކަޕް 16 ގޯލު ޖަހައިފައެވެ.
މެސީގެ ހެޓްރިކާއެކު މެޗުގެ 79 ވަނަ މިނެޓުގައި އޭނާ ވަނީ ބާލައިފައެވެ. އޭނާގެ ބަދަލުގައި ކުޅެން އަރުާފައިވަނީ ޒުވާން ތަރި ނިކޯ ޕާޒް އެވެ.
މި ގްރޫޕުގައި އާޖެންޓީނާ އާއި އަލްޖީރިއާއާއެކު ހިމެނެނީ ޖޯޑަން އާއި އޮސްޓްރިއާއެވެ. ޖޯޑަން އާއި އޮސްޓްރިއާގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު ހެނދުނު 9:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް