ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރުކުރި މުހައްމަދު ގައިސް އުޅުނު، ސ. މަރަދޫފޭދޫ/ އާޒާ، ބަލައިފާސްކޮށް މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދުމަށް ކޯޓުން ކުރި އަމުރުގައި ގޭ ވެރިފަރާތުގެ ގޮތުގައި ނުބައި ނަމެއް އޮތް ނަމަވެސް އެ އަމުރު ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގައިސް ހައްޔަރުކުރީ 11 ނޮވެމްބަރު 2022ގައެވެ. އެ މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދުމުގެ ގޮތުން އޭނާ އުޅޭ ގެ ބަލައި ފާސްކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަށް، ކްރިމިނަލް ކޯޓާއި އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ފުލުުހުން ހުށަހެޅިއެވެ. އެ ދެ ކޯޓުންވެސް އެކަމަށް އަމުރު ނެރުނެވެ.

މި ދެ އަމުރު ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅީ އާޒާ، ޒުހާ އަބްދުالله އެވެ.

ޒުހާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާގައި ބުނެފައިވަނީ، ގޭގެ ވެރިފަރާތުގެ ގޮތުގައި ކޯޓު އަމުރުގައި އޭނާގެ ނަން ހިމަނާފައި އޮތީ ގޯސްކޮށް ކަމަށެވެ. އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ދެ ކޯޓު އަމުރު ބާތިލުކުރުމަށް ޒުހާ ހައިކޯޓަށް ހުށަހަޅާފައި ވަނީ ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. ފުރަތަމަ ސަބަބަކީ ކޯޓު އަމުރަށް އެދުމުގައި އޭނާއަކީ އެތަނުގެ ވެރިފަރާތް ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ހިމެނިފައިވުމުން އޭނާގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ގެއްލުމެެވެ. ދެވަނަ ސަބަބަކީ ތަނުގެ ވެރިފަރާތަކީ އޭނާ ކަމަށް އޮތުމުން އެ ތަނުން ފެނުނު ގާނޫނާހިލާފު ތަކެއްޗަށް އޭނާ ޒިންމާވާން ޖެހޭނީ އޭނާ ކަމަށް އޮތުމެވެ.

ތިންވަނަ ފަރާތެއްގެ ގޮތުގައި މި މައްސަލައަށް ތަދައްހުލުވުމަށް މަރަދޫފޭދޫ/ ފަރުދާބަގީޗާގެ، އަބްދުالله ހުސައިންގެ ފަރާތުން ހުށަހެޅިއެވެ. އޭނާ ބުނެފައިވަނީ އެއީ އޭނާގެ ގޯއްޗެއް ކަމަށެވެ. ގޯތީގެ ރަޖިސްޓްރީން އެކަން އެނގެން އޮއްވައި، އެ ގޭގެ ވެރިފަރާތަކީ އެހެން ފަރާތެއް ކަމަށް ދޭހަވާ ގޮތަށް އިސްތިއުނާފު ކޮށްފައިވާ އަމުރުތަކުގައިވާތީ އެ އަމުރުތަކަކީ ބާތިލު އަމުރުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އޭނާ ހުށަހެޅިއެވެ.

ނަމަވެސް އޭނާގެ ފަރާތުން އެ އަމުރުތައް އިސްތިއުނާފު ނުކޮށް އެ މައްސަލައަށް ތަދައްހުލު ވެވިދާނެ ކަަމަށް ގަބޫލުނުކުރާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލައިން ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި ހައިކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުންނާއި އައްޑުއަތޮޅު މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.