ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުވެސް މާ ގާބިލު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަ ކުރައްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.
ރައީސް ނަޝީދު މިގޮތަށް ވާހަކަ ދެއްކެވީ، ރިޔާސީ ޕްރައިމަރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ޕީޕީއެމް އާއި އެމަނިކުފާނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ ޕީޕީއެމުން އިންޑިއާ އައުޓް ގޮވުން ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް ޕީޕީއެމްގެ ބޭފުޅުންނަށް ދަންނަވަން އަޅުގަނޑާއި ތިބޭފުޅުންނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވާ ތަނަކީ މިއީއޭ، އިންޑިއާ އައުޓް ދޫކޮށްލައްވާށޭ،" ނަޝީދު ވިދާޅުވިއެވެ.
ހަމަ އެގޮތަށް އިންޑިއާ އައުޓްގޮވުމުގެ ވިސްނުން ދޫކޮށްލެއްވުމަށް ރައީސް ޔާމީންގެ އަރިހުގައި ތަކުރާރުކޮށް ދަންނަވަމުން ގެންދަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ރައީސް ޔާމީން އަރިހުގައިވެސް ތަކުރާރުކޮށް އެބަ ދަންނަވަން އެ ވިސްނުން ސޫކޮށްލައްވާށޭ، ހާރިޖީ ސިޔާސަތުގައި އަޅުގަނޑުމެން ދެބައި މީހުން އެކައްޗެއް ކިޔަން އަޅުގަނޑު ހަމަ ތަކުރާރުކޮށް އެދެން،" ނަޝީދު ވިދާޅުވިއެވެ.
ޕީޕީއެމްގެ މެންބަރުންނާ އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ އިރު، ޕީޕީއެމް މެމްބަރުން އެމަނިކުފާނާ ބައްދަލު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުވެސް ދަންނަވަން ވަރަށް ގިނަ ރަށްރަށުން ޕީޕީއެމްގެ ބޭފުޅުންނާއި އަޅުގަނޑާ ދިމާވޭ. އަދި އެމީހުން ހިނިތުންވުމާއެކީގައި އަޅުގަނޑާ ވާހަކަދައްކާވެސް ހަދާ އަދި އޭގެ ގިނަ ގޭގެއިން ސައިތައްޓެސް ވެސް ދީހަދާ. އެހެންވީމަ އަޅުގަނޑަށް ފެންނަ ތަނުގައި ފުށު އަރަން މިއޮންނަނީ އެންމެ މައްސަލައެއް. އެ މައްސަލައަށް އަޅުގަނޑު އުއްމީދު ކުރަން ޕީޕީއެމުން ހައްލެއް ގެންނަވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ "ރައީސް ޔަމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް، ވަރަށް އެކެޑެމިކް ބޭފުޅެއް، ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް،" ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ގާބިލު ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، "ހޮޅިއެއް ވަޅުލަން ފަސް އަހަރު ނެގީމަ އެއީ މީހުނަށް ބަލައި ގަނެވޭ ކަމެއް ނޫން،" ކަމަށެވެ. އަދި ރިސޯޓެއްގައި ނަރުދަމާ އަޅަންވެސް ނަގަނީ ދެމަސް ދުވަސް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު