ޓްރާންސްފާ މާކެޓް

އާސެނަލްގެ ބިޑް ހައިޖެކްކޮށް، ޗެލްސީން މުޑްރީކްގެ ސޮއި ހޯދައިފި

ޔުކްރެއިންގެ ޒުވާން ތަރި، މައިހާލިއޯ މުޑްރީކް ޗެލްސީއަށް ސޮއިކޮށްފިއެވެ.

އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި މުޑްރީކްގެ ޓްރާންސްފާއަށް ޗެލްސީއާއި ޔުކްރެއިންގެ ޝަކްތާ ޑޮނެސްކް އެއްބަސްވުމަކަށް އައިސްފައިވަނީ 62 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. އެ ފީގެ އިތުރުން ބޯނަސްގެ ގޮތުގައި އަދި ބޮޑު އަދަދެއް ދޭނެ ކަމަށްވެސް ބެލެވެއެވެ. އުމުރުން 22 އަހަރުގެ މުޑްރީކް މި ވަގުތު އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުރި އިރު، މެޑިކަލް ފުރިހަމަކޮށް މިރޭ ޗެލްސީން ކުޅޭ މެޗު ބެލުމަށް ސްޓޭޑިއަމަށް ދާނެ ކަމަށްވެސް ބެލެވެއެވެ.

މުޑްރީކް ޗެލްސީއަށް ސޮއިކުރުމުގެ ކުރިން އޭނާ އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ އާސެނަލަށް ދިއުމަށެވެ. މި ޓްރާންސްފާ ސީޒަނަށް އާސެނަލުން ފުރަތަމަ ޓާގެޓް ޖެހި ކުޅުންތެރިންގެ ތެރޭގައި މުޑްރީކް ހިމެނޭ އިރު، އެ ކްލަބުން ވަނީ ގާތް ގަނޑަކަށް 85 މިލިއަން ޕައުންޑްގެ ބިޑެއްވެސް ކޮށްފައެވެ. އެ ބިޑާއެކުވެސް ޝަކްތާއިން މުޑްރީކް ދޫނުކޮށް މަޑުކޮށްފައިވާ އިރު، ޗެލްސީން އެއްބަސްވުމަކަށް ދިޔައީ ކްލަބުގެ ވެރިން މިއަދު ޕޮލެންޑްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކެއްގައި ކަމަށް ނޫސްތައް ބުނެއެވެ.

މުޑްރީކް ވިއްކާލަން ޗެލްސީއާއެކު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް ޝަކްތާއިން ރޭ ވަނީ އިއުލާން ކޮށްފައެވެ. އެ ކްލަބުން ބުނީ ޗެލްސީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި މުޑްރީކްގެ ޓްރާންސްފާގައި މިހާރު ކުރިއަށްދަނީ އެންމެފަހުގެ މަރުހަލާ ކަމަށެވެ. ޗެލްސީންވެސް ވަނީ މުޑްރީކްގެ ޓްރާންސްފާ ނިމުމަކަށް އައިސްފައިވާ ކަމަށް ރޭ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ހަލުވި ފޯވަޑް މުޑްރީކަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ކުޅުންތެރިޔާއެވެ. މިހާތަނަށް މި ސީޒަންގެ ލީގުގައި ކުޅުނު 12 މެޗުން އޭނާ ވަނީ ޝަކްތާއަށް ހަތް ގޯލު ޖަހައި، ހަތް އެސިސްޓް ހަދައިދީފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ޖެހި ތިން ގޯލް ހިމެނެއެވެ.

ޗެލްސީން މި ވަގުތު ލީގު ތާވަލުގެ 10 ވަނައިގައި އޮތް އިރު، އާ ޓްރާންސްފާތަކާ އެކުވެސް އެ ޓީމަށް ވަނީ އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެ މައްސަލަގަނޑުގެ ތެރެއިން ޗެލްސީއަށް މި ސީޒަނަށް ދިމާވަމުންދާ އަނެއް ޗެލެންޖަކީ އާ ވެރިންނާއެކު ކްލަބު އަދި ރަނގަޅަށް ހިނގައިނުގަނެވި އޮތުމެވެ. ނަމަވެސް މިހާރު ވަނީ އާ ޓެކްނިކަލް ޑިރެކްޓަރުން ހޯދައި، ކްލަބުގެ ކަންކަމަށް ހައްލު ހޯދަން މަސައްކަތް ފަށައިފައެވެ.