ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ދޮން އިނގިރޭސިއަކު ރާއްޖޭގެ އަތޮޅެއްގައި ކުރި އަތޮޅުވެރިކަން!

އިމާދު ލަތީފު

1

މީލާދީން 1558 ގައި ސުލްތާން އަލީ، އައުދަ ސިޔާކަ ކައްތިރި މަހާރަދުން ނުވަތަ މަޝްހޫރު އަލިރަސްގެފާނު ޝަހީދުކޮށް ދިވެހިރާއްޖެ ހިފައި ގާތްގަނޑަކަށް ފަނަރަ އަހަރުގެ މުއްދަތަކަށް ޕޯޗުގީޒުން ދިވެހިރާއްޖޭގައި ވެރިކަންކުރިއެވެ. އެދުވަސްވަރު ބައުރަށުގައި ހުރި ޕޯޗުގީޒަކު މާވަރުގަދަ އަތޮޅުވެރިކަމެއްވެސް ބޮޑުތިލަދުންމަތީގައި ކުރިއެވެ. އެމީހަކީ ބޮޑުތަކުރުފާނު ވާހަކައިގައި ބަޔާންވެގެންވާ މަޝްހޫރު ވިޔަޒޯރެވެ. ވިޔަޒޯރުގެ އަތޮޅުވެރިކަން ނިމުނުތާ 450 އަހަރު ވެއްޖެއެވެ. ފާއިތުވި ތަނުގައި ވިޔަޒޯރު ނޫން ފަރަންޖީއަކު އަތޮޅުވެރިކަން ކޮށްފައިވޭބާވަައެވެ. ޖަވާބަކީ އާނއެކެވެ. ދާދިފަހަކުންނެވެ. ދޮން އިނގިރޭސިއަކު މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ރާއްޖޭގެ އެންމެ ދެކުނުގައި އަތޮޅުވެރިކަން ކުރިއެވެ. އަތޮޅެއްގެ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިޔަކު ވާނީ އަތޮޅުވެރިޔަކަށްތާއެވެ. ކާކުތޯ ބަލައިލަމާބަހީއެވެ.

ސުވާދީބުގެ ނަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި ހިންގުނު ވަކިވެގަތުމުގެ ހަރަކާތް 23 ސެޕްޓެމްބަރު 1963 ގައި ވަނީ ނިމުމަކަށް ގެނެވިފައެވެ. މިކަން ނިންމައިލުމުގެ ޒިންމާ ހަވާލުކޮށްފައި އިނގިރޭސި ބޮޑުވަޒީރު ހެރަލްޑް މެކްމިލަންގެ ސަރުކާރުން ސިޔާސީ މަންދޫބަކު ރާއްޖެއަށް ފޮނުވިއެވެ. ނަމަކީ ރައުންސްވެއިޓެވެ. މިއީ ސުވާދީބުގެ މައްސަލަ ކޮޅެއްގައި ޖެއްސުމަށްޓަކައި ވަރަށް ބޮޑެތި އިޚުތިޔާރު ދީފައި ލަންޑަނުން ފޮނުވި ޑިޕްލޮމެޓެކެވެ. މީނާ ރާއްޖެއަށް ވަޑައިގެން އެންމެ ފުރަތަމަވެސް މަޑުކުރެއްވީ މާލޭގައެވެ. އަހަރަކީ 1963 ވަނަ އަހަރެވެ. ބޮޑުވަޒީރު ނާސިރަށް އޭނާ ދެންނެވީ އެއަހަރުގެ ސެޕްޓެމްބަރުމަސް ނިމޭއިރު ސުވާދީބެއް ނޯންނާނެ ކަމުގައެވެ. އައްޑުއަތޮޅަށް ރައުންސްވެއިޓް ވަޑައިގެންނެވީ ދިވެހި ސަރުކާރަށް އެޔަގީންކަން ދެއްވުމަށްފަހުގައެވެ.

އައްޑުއަތޮޅަށް ވަޑައިގެންފައި ރައުންސްވެއިޓް ކުރެއްވި ކަމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ސުވާދީބުގެ ކުރިމަގެއް ނެތްކަމާއި ދިވެހި ސަރުކާރުގެ ހުކޫމަތުގެ ދަށަށް އެނބުރި ރުޖޫއަވުން ފިޔަވައި އެހެން މަގެއްނެތްކަން ސާފު ބަހުން އެންގެވުމެވެ. ސުވާދީބުގެ ދިދަ ބާލައި ދިވެހި ދައުލަތުގެ ދިދަ ނެގީވެސް ރައުންސްވެއިޓްގެ އެންގެވުމަކަށެވެ. ސުވާދީބު ޖުމްހޫރިއްޔާ އުވައިލުމުގެ ރަސްމީ ގަރާރުގައި އެ ޖުމްހޫރިއްޔާގެ ވެރިޔާ ހިތަދޫ ފިނިފެންމާގޭ އަބްދު ﷲ އަފީފު ސޮއިކުރެއްވީވެސް ރައުންސްވެއިޓް ވިދާޅުވެގެންނެވެ. އަފީފާއި އޭނާގެ އާއިލާ އިނގިރޭސި މަނަވަރެއްކަމުގައިވާ އެޗްއެމްއެސް ލޮކްލޮމޮންޑުގައި ސީޝެލްސްއަށް ފުރުވައިލުމުގެ މޭސްތިރިއަކީވެސް ރައުންސްވެއިޓެވެ. އަފީފު އައްޑުއަތޮޅު ދޫކުރައްވައި ފުރާވަޑައިގެންނެވީ ސުވާދީބު އުވައިލިތާ ހަފުތާއެއް ފަހުންނެވެ.

ސުވާދީބު އުވައިލުމުގެ ގަރާރުގައި އަފީފު ސޮއިކުރެއްވުމާއެކު ރައުންސްވެއިޓް އިއުލާން ކުރެއްވިއެވެ. އިންތިގާލީ މަރުހަލާ ފެށުނީއެވެ. މި މަރުހަލާގައި އައްޑުއަތޮޅުގެ އައު އަތޮޅުވެރިޔަކީ ތިމަންނާއެވެ. މިހެން ވިދާޅުވެފައި އޭނާގެ ނާއިބަކަށް ހިތަދޫ ގަނޑުވަރު މޫސާދީ އައްޔަންކުރައްވައިފިއެވެ. ރަަށްރަށަށް ވަޑައިގެން ރައުންސްވެއިޓަށް ފެނިވަޑައިގެންނެވި މަގަކުން ބައެއް ކަތީބުން ވަޒީފާއިން ވަކިކުރައްވައި އައު ވެރިން ހޮއްވަވައި އަނެއްބަޔަކު ވަޒީފާގައި ދަމަހައްޓަވައިފިއެވެ. އައްޑޫ ބޭންކުގެ މެނޭޖަރު ސިލޯނުގެ ފަންޖާސަރަމްގެ ވަޒީފާ ގެއްލުނީކަން އަންގަވައި އޭނާ ގައުމަށް ފޮނުވައިލެއްވީވެސް ރައުންސްވެއިޓެވެ. އައްޑޫ ޓްރޭޑިން ކޮމްޕެނީ، އޭޓީސީ އޮޑިޓްކޮށް އެކުންފުނީގެ ކަންކަން ކޮޅެއްގައި ޖެއްސުމުގެ ޒިންމާ ސާލިހު އަލިދީދީއާ ހަވާލުކުރެެއްވީވެސް ރައުންސްވެއިޓެވެ. އަދިވެސް މިކަހަލަ ކިތަންމެ ކަމެކެވެ.

ރައުންސްވެއިޓްގެ އިންތިގާލީ އަތޮޅުވެރިކަމުގެ ދަށުގައިވެސް އަފީފު ގާތްގަނޑަކަށް ހަފުތާއެއްހައި ދުވަހު އައްޑޫގައި ހުންނެވިއެވެ. ކުރިން ބޮޑުވަޒީރު ނާސިރު އެއްބަސްވެވަޑައިގެންފައި ވަނީ ސުވާދީބު އުވައިލީމާ ލަސްތަކެއްނެތި މާލެއިން ހަ މީހުންގެ ވަފުދެއް، އައްޑުއަތޮޅުގެ ކަންކަމާ ހަވާލުވާން ފޮނުވުމަށެވެ. އަފީފު ފުރުވައިލުމަކީ ނާސިރު ރުހިވަޑައިގެންނެވި ކަމެއް ނޫނެވެ. އެކަން އެމަގުން ކުރީމާ ނާސިރު ކޯފާވެގެން ވަފުދު ފޮނުއްވުން މަޑުޖައްސަވައިފިއެވެ. ރައުންސްވެއިޓާ މުވާސަލާތުކުރުންވެސް ހުއްޓަވައިފިއެވެ. އެއަށްފަހު ރައުންސްވެއިޓް ކަންތައްކުރެއްވީ ރަސްމީ އެއްވެސް ފަރާތެއްގެ އިރުޝާދެއްނެތި އޭނާއަށް ފެނިވަޑައިގެންނެވި ގޮތަކަށެވެ. ރައުންސްވެއިޓްގެ ނާއިބު ގަނޑުވަރު މޫސާދީއަށް އެންގެވީ އަވަހަށް އަތޮޅު ކޮމިޓީ އިންތިޚާބުކޮށް އެ ކޮމިޓީއާ ކަންކަން ހަވާލުކުރުމަށެވެ.

ރައުންސްވެއިޓް އެންގެވި މަގުން ދެމަސްދުވަހުގެ ތެރޭގައި އަތޮޅު ކޮމިޓީ އިންތިޚާބުކޮށްފިއެވެ. އޭރުވެސް މާލެއަކުން އެއްވެސް ވެރިޔަކު އައްޑުއަތޮޅަށް ނުފޮނުވައެވެ. ވަކި އިރުޝާދެއްވެސް ނެތެވެ. މިހެންތިއްބައި އައްޑުއަތޮޅާ ދާދިގާތުގައިވާ ފުވައްމުލަކަށް ކަކާގޭ އަހުމަދު ހިލްމީދީދީގެ ވެރިކަމުގެ ދަށުގައި ގޯލްޑަންރޭ ކިޔުނު ބޯޓުގައި ސަރުކާރުގެ ވަފުދެއް ނޮވެމްބަރު މަހުގެ ފަހުކޮޅު ވަޑައިގެންފިއެވެ. އެބޭފުޅުން އަންގަވާ އެއްޗެއް ބަލައިލަން ކަލޭމެން ފުވައްމުލަކަށް ގޮސްބަލަހަރޭ ރައުންސްވެއިޓް އެންގެވީމާ އިންތިޚާބީ އަތޮޅު ކޮމިޓީގެ މެންބަރުން ފުވައްމުލަކަށްގޮސް އަމުރުފުޅަކީ ކޮބައިތޯ އަހުމަދު ހިލްމީދީދީއަށް ދަންނަވައިފިއެވެ. ޖަވާބުގައި އޭނާ އެންގެވިއެވެ. އަތޮޅު ކޮމިޓީއަށް މެންބަރުން ހޮވުމުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ހިތަދޫ މޫސާއަލިދީދީއާ އަތޮޅު އޮފީސް ހަވާލުކޮށްފައި ކަލޭމެން އެންމެން މާލެދާންވީއެވެ. ދެން މިމަގުން މިކަން ތަންފީޒުކޮށް ރައުންސްވެއިޓް ލަންޑަނަށް ވަޑައިގެންފިއެވެ. އަތޮޅު ކޮމިޓީގެ ރައީސްގެ ގޮތުގައި ނޮވެމްބަރުމަހު ފަހުކޮޅު މޫސާއަލިދީދީ އަތޮޅުވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ސެޕްޓެމްބަރު ތޭވީހުން ފެށިގެން އައްޑުއަތޮޅުގައި އޮތީ އިނގިރޭސި މަންދޫބު ރައުންސްވެއިޓްގެ އަތޮޅުވެރިކަމެވެ.