ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. އެ މަނިކުފާނަށް މަރުހަބާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. ރައީސަށް ތާއީދުކުރާކަމުގެ ލިޔުންތަކާއި ބެނާތަކުގެ އިތުރުން އެމްޑީޕީގެ ދިދަ އާއި ތޮފި އަޅައިގެން ގިނަ އަދަދެއްގެ ބަޔަކު ރައީސަށް މަރުހަބާ ކިޔުމަށް އެއްވެ ތިއްބެވެ.
ރައީސްގެ މި ދަތުރުފުޅުގައި މަނިކުފާނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ، ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ރައްޔިތުން މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް، ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަޑައިގެންނެވިއެވެ.
ރައީސް ސޯލިހު އައްޑުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރަސްމީ ދެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެއީ ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައެވެ.
ރައީސް އެންމެ ފަހުން އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗުގައެވެ. ރައީސް މިއަދު އައްޑުއަށް ވަޑައިގެންނެވި އިރު ، އެ މަނިކުފާނުގެ ކެމްޕޭނަށް މި ހަފުތާގައި ވަނީ ބައެއް އަތޮޅުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވައިފައެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، އެކަމަނިކުފާނާ ވާދަކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު