ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޓީޓީ ހެދުމުގެ ކަންކަން ލުއިކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.
ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ މި ބޭންކުގެ ނަމުންވެސް ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ ގުޅިފައިވާ ބޭންކެއް ކަމަށެވެ. "މިއީ ދިވެހިންގެ ބޭންކް" ކަމަށެވެ. އެހެންކަމުން މި ބޭންކުގެ އެންމެ އިސް ޒިންމާއަކަށް ވާންޖެހޭނީ، ރައްޔިތުންގެ ހިތުގައި ބޭންކާމެދު އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންވެސް، އެމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ހަވާލުކުރަނީ، ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގައި އެންމެ އިސް ޒިންމާ. އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، މިހާރަށްވުރެވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ބޭންކަށް 40 އަހަރު ފުރިގެންދާ އިރު، ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ އަދި ލުއި ގޮތްތައް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
"ދާދިފަހުން ތިޔަބޭފުޅުން އިއުލާނު ކުރެއްވި، ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީޓީ ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެންކަމުން ސެންޓްރަލް ބޭންކް، އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސް މިކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަކީ ބޭންކުގެ ހިއްސާދާރުންނާއި ބޭންކުން ހިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބީއެމްއެލުން 40 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފި ކަމަށެވެ.
"ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބަކީ،ފަތުރުވެރިކަމާއި މަސްވެރިކަން. އެ ދެ ތަނބުގެ މަތީގައި ރާއްޖޭގެ އިގުތިސޯދު ހިފެހެއްޓި މި އޮންނަނީ، މި ބޭންކުގެ ހަކަތަ އާއި ފަންވަރުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް މި ބޭންކުން ފަހިކޮށްދިނުމާއެކު ދިވެހި މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށެވެ. މަސްވެރިކަމަށް ހާއްސަކޮށްގެން ދޫކުރި ލޯނުތަކުގެ ސަބަބުން މަސްއޮޑިފަހަރުގެ ފަށަންތައް 20-25 ރިޔަނުން 30-40 ރިޔަނަށް ބަދަލުވެގެންދިޔަ ކަމަށެވެ. ނިރޮޅު ލަކުޑީގެ ދޯނިފަހަރު ދޫކޮށް، ފައިބަރު އޮޑިފަހަރުގައި ރާއްޖެ އޮބާ ހިސާބަށް ބޮޑު ކަންނެއްޔަށް ނުކުންނަން ފެށި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް ވެސް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ބޭންކު އުފެދުނުއިރު، ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ ވީ އެންމެ 10 އަހަރު ކަމަށާއި މާގިނަ އަތޮޅުތަކަކަށް އޭރު ޓޫރިޒަމް ތައާރަފު ނުވާ ކަމަށެވެ. މިދިޔަ 40 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި ރިޒޯޓްތައް ތަރައްގީކޮށް، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގައި މި ބޭންކުގެ މާލީ ދައުރުގެ ހިއްސާ ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު