ދެ ދައުރަށްވުރެ އިތުރަށް އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައ ބ. ހިތާދުއަށް މިއަދު ވަޑައިގެން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ރައީސް ސޯލިހު ނެރުނީ 18 މަސް ދުވަހުގެ މުއްދަތަށް ވެރިކަން ކުރައްވާ ގޮތަށް ކަމަށާއި އެ ވާހަކަ އެމްޑީޕީގެ މެނިފެސްޓޯގައިވެސް ލިޔެފައި އޮންނާނެ ކަމަށެވެ.
ނަމަވެސް ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވައި ރައީސް ސޯލިހު ގެންދަވަނީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަމުން ކަމަށާއި ދެވަނަ ދައުރު ނިންމަވާފައި ގާނޫނުއަސާސީ ބަދަލުކުރައްވައި ވެރިކަމުގެ ތިންވަނަ ދައުރެއްގެ ވާހަކަވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ރައްޔިތުންނާއެކު ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބެއްގައި އޮންނަނީ ދެ ދައުރު ކަަމަށާއި އެއަށްވުރެ އިތުރަށް އިންތިހާބަކަށް ކުރިމަތިނުލައްވާނެ ކަމަށެވެ.
"އަޅުގަނޑު ނެތިން ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި ދެމި ހުންނާކަށް. އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއިދުކުރާ މީހެއް. އެހެންވެ ރިޔާސީ އިންތިހާބެއްގައި ކުރިމަތިލައިގެން މި ހުރީ. ބަރުލަމާނީ ނިޒާމަށް އަޅުގަނޑު ތާއިދުކުރާނަމަ އަޅުގަނޑު ރިޔާސީ އިންތިހާބަކަށް ކުރިމަތިނުލީސް،" ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ރައްދުދެއްވައި ރައީސް ސޯލިހު ވިދާޅުވީ، ގާނޫނުއަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ ބޭފުޅަކީ ކޮބައިން ރައްޔިތުންނަށް ސާފު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު