ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މި ހުންނެވީ އެންމެ ބޭފުޅެއްގެ ތާއިދާއެކު ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ބ. ހިތަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ފަރާތްތަކުން އެއްބަސްވީ އެމްޑީޕީގެ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓެއް އެބޭފުޅުން ނުނިންމަވާ ކަމަށާއި އެހެންކަމުން އެ އިންތިހާބަށް ރައީސް ސޯލިހު ނެރުއްވީ އެ މަނިކުފާނު ކަމަށް ވިދާޅުވިއެވެ.
"ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑު ދެން ރައީސް ސޯލިހު ވެރިކަމުން ބާލަންވެސް ހަމައުޅޭނީ އަޅުގަނޑު. އަޅުގަނޑު އެކަން ކުރާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހުޅުމާލޭގެ ރައްޔިތުންނާއެކު ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ވެރިކަމަކީ މީހަކު ދޭ އެއްޗެއް ނޫން ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ބާރެއްވެސް މީހެއްގެ ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ހިތުން އިންސާނުންނަށް ﷲ ގެ އަޅުންނަށް އޮންނަ ކަމަކީ މަސައްކަތް ކުރުން. ވެރިކަމަކީ އެ ފަރާތުން ދެއްވާ އެއްޗެއް. އަޅުގަނޑު މި މަގާމުގައި މި ހުރީ، މި މަގާމަށް އާދެވުނީ ﷲ އިރާދަފުޅާއެކު އެތައް ބައެއްގެ ތާއީދާއި އެތައް ބައެއްގެ ވޯޓާ އެކީގައި، އެންމެ މީހެއްގެ ތާއީދާ އެކުއެއް ނޫން. އަޅުގަނޑަށް މި މަގާމުގައި ދެމި މި ހުރެވެނީ އެންމެ މީހެއްގެ ތާއިދާ އެކުއެއް ނޫން، ﷲ އިރާދަފުޅުން ތި ހުރިހާ ބޭފުޅުންގެ ތާއީދާ، މަދަދާ އެއްބާރުލުމާ އެކީގައި" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ ބޭފުޅަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި ދެ ދައުރަށްވުރެ އިތުރަށް އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު