މާލޭގެ މީހުންނަށް ގޯތި ދޭން ކަނޑައަޅާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު މި އަހަރު މެދުތެރޭގައި ހިއްކާ ނިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި މާލޭ ރައްޔިތުންނަށް ހުޅުމާލެއިންނާއި ގުޅިފަޅުންނާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެއެވެ. އެއީ ހުޅުމާލެއިން 1،000، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މާލެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގުޅިފަޅުގެ އެއްބައި ހިއްކާ ނިންމާފައިވާ ކަމަށެވެ. ދެވަނަ ބައި ހިއްކަން ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ނިމެމުންދާތަން ތިބޭފުޅުންނަށް މި އަހަރު މެދު ތެރޭގައި ފެނިގެން ދާނެ، މިޔަކީ ހުވަފެނެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ގިރާވަރު ފަޅު ހިއްކައިގެން އެ ތަން ސިޓީއަކަށް ހަދަން ބޭނުންވާ ފައިސާ ހޯދަން އިންވެސްޓަރުންނަށް ހުޅުވާލައިފައެވެ. އެގޮތުން އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް އޭރު ކަނޑައެޅިއެވެ.
ގިރާވަޅި ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވި އިރު، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިއަހަރުގެ މެދު ތެރޭގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށްވެސް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 16،000 ފުލެޓާއި ރޯ ހައުސް އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މާލޭ ރައްޔިތުންގެ ގޯތި ދިނުމުގެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށާއި ވީހާވެސް ރަނގަޅަށް، ހާމަކަން ބޮޑުކޮށް ޝަރުތު ފުރިހަމަވާ އެންމެންނަށް ފުލެޓާއި ގޯތި ދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު