ޚަބަރު

ދޮގު ހެކިބަސް ދިން މައްސަލައިގައި ނަރީޝް ފުލުހަށް ހާޒިރުކޮށްފި

މުހައްމަދު އިޝާން

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދިފާއުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކްރިމިނަލް ކޯޓަށް ދޮގު ހެކި ބަސް ދިން މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުކޮށްފިއެވެ.

ނަރީޝް "ވަން" އަށް މިރޭ ވިދާޅުވީ، އޭނާގެ ބަޔާން ފުލުހުން ނަގަނީ ސަރުކާރުން ކުރާ ސިޔާސީ ދައުވާތަކަށް ހެކި ބަސް ދޭ މީހުންނަށް ބިރު ދައްކަން ކަމަށެވެ. އަދި އެއީ މައްސަލަތަކަށް ނުފޫޒު ފޯރުވަން ސަރުކާރު ކުރާކަމެއް ކަމަށެވެ. ދޮގު ހެކިބަސް ދިން މައްސަލައިގައި މިރޭ ފުލުހަށް ހާޒިރުވެ ހެކިބަސް ދެއްވާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

"މިއައީ ސަރުކާރުންކުރާ ސިޔާސީ ދައުވާތަކަށް ހެކިބަސް ދޭން ދާ މީހުންނަށް ބިރުދައްކަން ކުރާ ކަމެއް، މައްސަލަތަކައް ސީދާ ނުފޫޒު ދައުލަތުން ފޯރުވުމަށްކުރާ ކަމެއް. މިރޭ މިއައީ ބަޔާން ދީފައި" ނަރީޝް ވިދާޅުވިއެވެ.

ޔާމީންގެ ދިފާއީ ހެތްކެއްގެ ގޮތުގައި ނަރީޝް ހުށަހަޅާފައިވަނީ ޔޫސުފް ނައީމު އަތުން ޔާމީން ގަތް ކަމަށް ބުނާއެއް މިލިއަން ޑޮލަރަށްވާ ދިވެހި ނައީމްއާ ހަވާލުކުރުމަށްޓަކައި ގ. އަދުނީ/ އަބްދުﷲ ރަޝީދުގެ އަތަށް ނަގުދު ފައިސާއިން 15.4 މިލިއަނަށްވުރެ ގިނަ ރުފިޔާ، ޔާމީން ހަވާލުކުރެއްވީ ނަރީޝްގެ ހާޒިރުގައި ކަމަށާއި އަބްދުﷲ ރަޝީދު އެ ފައިސާ ނައީމުއާ ހަވާލުކުރީ ވެސް ނަރީޝްގެ ހާޒިރުގައި ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރި ވަގުތު ފައިސާ ލިބުނުކަމުގެ ލިޔުމެއްގައި ޔޫސުފް ނައީމު ސޮއިކުރެއްވިކަން ސާބިތު ކުރުމަށާއި އެކަންތައް ހިނގީ ކޮން ދުވަސްވަރެއްގައިކަން ސާބިތު ކުރުމަށެވެ.

ހުކުމުގައި ވަނީ އެ ފައިސާ ނައީމުއާ ހަވާލުކޮށްދިނުމަށް ޔާމީންގެ ގެކޮޅު ގ. ދޫވެއްސަށް ވަޑައިގެންނެވުމަށް ނަރީޝާއި އަބްދުﷲ ރަޝީދު އަރިހުން ޔާމީން އެދިވަޑައިގެންނެވީ އެ ދެ މީހުންގެ ފޯނަށް ގުޅުއްވައިގެން ކަމަށް އެ ދެ މީހުންގެ ހެކިބަހުގައި ވިދާޅުވެފައިވާ ކަމަށާއި ޔާމީން ފޯނުން ގުޅުއްވި އިރު، ނަރީޝް ހުންނެވީ އޭނާގެ ގޭގައިކަން ޔަގީންކަމާއެކު ޖެހިލުންވުމެއް މަޑުޖެހުމެއް ނެތި ވިދާޅުވި ކަމަށެވެ.