ކުރިން ޓޮޓެންހަމްއާއި ރެއާލް މެޑްރިޑަށް ކުޅުނު ގެރެތު ބޭލް ހިމެނޭ ވިޔަފާރިވެރިންގެ ގްރޫޕަކުން އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ޕްލައިމައުތު އާގައިލްގެ ހިއްސާ ގަންނަން ނިންމައިފިއެވެ.

ފުޓުބޯޅައިން ރިޓަޔާ ކުރިފަހުން އަދި މިހާތަނަށް ބޭލްގެ ވާހަކަ މާ ބޮޑަށް މީޑިއާއަށް ތިލަވެފައި ނުވާ އިރު، އޭނާ ދަނީ އެނަލިސްޓް ކަމުގައި ބައެއް މަސައްކަތްތައްް ކުރަމުންނެވެ. ބޭލް، ޕްލައިމައުތުގެ މެޖޯރިޓީ ހިއްސާ ގަނެ، އެ ކްލަބުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ ވިޔަފާރިވެރިން ތަކަކާއެކުގައެވެ.

ޕްލައިމައުތު މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަނުގައި ކުޅުނު ނަމަވެސް، އެޓީމަށް ސީޒަން ނިމުނީ ރެލިގޭޓް ވެގެންނެވެ. ފަހުވަގުތު ޓީމުގެ ކޯޗުކަން ވޭން ރޫނީއާ ހަވާލުކުރި ނަމަވެސް ހާލަތު ބަދަލުވެފައެއް ނުވެއެވެ.

އޭގެފަހުން އެ ކްލަބުން މިރޯން މުސްލިކް ކޯޗުކަމަށް ގެންދިޔަ ނަމަވެސް، އޭނާވެސް މަގާމުން އިސްތިއުފާ ދިނެވެ. އެހެންކަމުން މިހާރު އެ ކްލަބުގެ ކޯޗުކަން ހަވާލުކޮށްފައި ވަނީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޓޮމް ކްލެވަލީއާއެވެ.

ބޭލް، 35، 2023 ވަނަ އަހަރު ފުޓުބޯޅައިން ރިޓަޔާ ކޮށްފައިވާ އިރު، އޭނާއާއެކު ރެއާލަށް ކުޅުނު ލޫކާ މޮޑްރިޗް ހިމެނޭ ވިޔަފާރި ގްރޫޕަކުން ދާދިފަހުން ސްވަންސީގެ އޯނާޝިޕް ނަގާފައިވެއެވެ.