ވޭލްސްއަށް މޮޅެއް ލިބިގެން ނޫނީ އަމިއްލަ ރެކޯޑުގެ ހިތްހަމަ ޖެހުމެއް ނެތް ކަމަށް ވޭލްސްގެ ކެޕްޓަން، އަދި ލެޖެންޑް ގެރެތު ބޭލް ބުނެފިއެވެ.
ވޭލްސްއިން އެގައުމުގެ ތާރީހީ ދެވަނަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިއަދު ނުކުންނާނީ އިރާނާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި އެމެރިކާ އަތުން ވޭލްސްއަށް ޕޮއިންޓެއް ލިބުނު އިރު، އެ މެޗަކީ ވޭލްސްއިން 64 އަހަރަށްފަހު ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗެވެ. ވޭލްސްގެ ޒަމާންވީ ތާރީހުގައި ކުޅުނު ފުރަތަމަ ވޯލްޑް ކަޕް، 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެގައުމުން ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް ވީ އެއްވަރެވެ.
ގްރޫޕްގެ ދެވަނައަށް ގޮސް، ވޭލްސް ކުއާޓާ ފައިނަލަށް އެފަހަރު ދިޔައީ ޕްލޭ އޮފްގައި ހަންގޭރީ 2-1 އިން ބަލިކޮށްފައެވެ. ކުއާޓާގައި ވޭލްސް ބަލިވީ ޕެލޭއާއެކު ނުކުތް ބްރެޒިލް ކައިރިންނެވެ. ބްރެޒިލަކީ އެފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމުވެސް މެއެވެ.
މިއަދުގެ މެޗަށް ނުކުންނަ އިރު، ވޭލްސްގެ ކެޕްޓަން ބޭލްއަށް ހާއްސަ ޝަރަފެއް އެބައޮތެވެ. އެއީ ގައުމީ ޖާޒީގައި 110 ވަނަ މެޗު ކުޅެ، އެގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށްވުމުގެ ރެކޯޑު ހޯދުމުގެ ޝަރަފެވެ. ކުރިން އެރެކޯޑު އޮތީ 109 މެޗު ގައުމީ ޓީމަށް ކުޅެފައިވާ ކްރިސް ގަންތާ އަތުގައެވެ.
"ތެދަށް ބުނަންޏާ އަހަރެން ނުވެސް ވިސްނަން މެޗު ކުޅުމުގެ ރެކޯޑަކަށް. އަހަރެންގެ ފޯކަސް މިހުރީ ތިން ޕޮއިންޓް ހޯދުމަށް. ޕާސަނަލީ އެއީ ވަރަށް ބޮޑު ކަމެއް ހާސިލްވާ ކަމަކަށްވީ ނަމަވެސް، އެންމެ މުހިއްމު ކަމަކީ އިރާން ބަލިކުރުން. އޭރުން އެ ކާމިޔާބީވެސް ހާއްސަ ވާނީ،" ބޭލް ބުންޏެވެ.
އުމުރުން 33 އަހަރުގެ ބޭލްއަކީ ވޭލްސްއިން އެންމެ ބޮޑަށް ބަރޯސާވާ ކުޅުންތެރިޔާއެވެ. އެމެރިކާއާ ދެކޮޅަށްވެސް ބޭލް ގޯލު ޖެހިއިރު، ވޯލްޑް ކަޕަށް އޭނާ ދިޔައީ އެމެރިކާ ލީގުގައި އެންމެ 28 މިނެޓުގެ ކުޅުމަށްފަހުއެވެ. ކްލަބު ފުޓުބޯޅައިގެ ފުރުސަތު މަދު ހާލަތެއްގައިވެސް ފިޓްވެގެން ވޭލްސްއާއެކު ވޯލްޑް ކަޕަށް ގޮސް ބޭލް ދައްކާ ހިތްވަރަކަށް ކޯޗު ރޮބަޓް ޕޭޖް ވަނީ ތައުރީފުވެސް ކޮށްފައެވެ.
ޕޭޖް ބުނީ ބޭލްއަކީ ގައުމީ ޓީމަށްޓަކައި ގުރުބާން ވާނެ ކުޅުންތެރިއެއް ކަމަށާއި، އަބަދުވެސް ބޭލްގެ ފަރާތުން ފެންނަނީ ޕްރޮފެޝަނަލްކަން ކަމަށެވެ.
ވޭލްސްއާއި އިރާން ވާދަކުރާ މެޗާއެކު ގްރޫޕް ސްޓޭޖު މެޗުތައް މިއަދު ފަށާނީ 3:00 ގައެވެ.