ބެލްޖިއަމްގެ ކޯޗުކަމުގައި ކުރިން ހުރި ރޮބާޓޯ މާޓިނޭޒް، ޕޯޗުގަލް ގައުމީ ޓީމާ ހަވާލުވެއްޖެއެވެ.
އުމުރުން 49 އަހަރުގެ ސްޕެއިނަށް އުފަން މާޓިނޭޒް ޕޯޗުގަލާ ހަވާލުވިކަން މިއަދު ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު، މާޓިނޭޒްގެ ކުރިން ޕޯޗުގަލްގައި ހުރި ކޯޗަކީ ފެނާންޑޯ ސަންޓޯސްއެވެ.
ޕޯޗުގަލް މިފަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުން 1-0 އިން ބަލިވެގެން ކަޓައިގެން ދިޔުމާއެކު، އެގައުމުން ވަނީ އޭރު ހުރި ކޯޗު ސަންޓޯސް ވަކިކޮށްފައެވެ. އުމުރުން 68 އަހަރުގެ ސަންޓޯސް އެމަގާމުން ވަކިކޮށްފައި ވަނީ އަށް އަހަރު ދުވަހަށް ފަހުއެވެ. ސަންޓޯސްއަކީ ޕޯޗުގަލްގެ ތާރީހުގައި ލިޔެވިގެން ދިޔަ ކާމިޔާބު ކޯޗެއްވެސް މެއެވެ.
ސަންޓޯސް ވަނީ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައެވެ.
ސަންޓޯސް ކޯޗުކަމުން ވަކި ކުރުމުގައި ވޯލްޑް ކަޕް ތެރޭގައި ކެޕްޓަން ކްރިސްޓިއާނޯއާ ޖެހުނު މައްސަލައެއްވެސް ފާހަގަވެފައިވެއެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ބައެއް މެޗުތަކާއި ގަދަ 16ގެ މެޗުގެ އިތުރުން މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސަންޓޯސް، ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައި ނުވާތީ އެކަމަށް ފާޑު ކިޔުންތައްވެސް އަމާޒުވެފައިވެއެވެ. ސަންޓޯސް ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި އުމުރުން 37 އަހަރުގެ ރޮނާލްޑޯ ކުޅެން ނެރުނީ ފަހު 15 ވަރަކަށް މިނެޓަށެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ކޯޗުކަމުގައި ހުރި މާޓިނޭޒް އެ މަގާމުން އިސްތިއުފާ ދިނީ މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއެކުގައެވެ. ބެލްޖިއަމް މިފަހަރު ވޯލްޑް ކަޕްގައި މޮޅުވީ ހަމައެކަނި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އޭގެ ފަހުން ދެން ކުޅުނު މެޗުގައި މޮރޮކޯ އަތުން ބެލްޖިއަމް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ކްރޮއޭޝިއާއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
މާޓިނޭޒްގެ ބެލްޖިއަމްއާ ހަވާލުވީ އެގައުމުގެ ރަން ޖީލެއްގެ ފެށުމަށެވެ. އޭނާ ވަނީ ބެލްޖިއަމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތިންވަނަ ހޯދައި، ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ދަމަހައްޓައިފައެވެ. މިފަހަރު ވޯލްޑް ކަޕަށް ދިޔައީވެސް ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮވެގެންނެވެ.
ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމު ތެރޭގައި މައްސަލަތަކެއްވެސް ޖެހިފައިވާ އިރު، މާޓިނޭޒް ވަކިވީވެސް އެ މައްސަލަތައް ބޮޑުވެގެން ކަމަށް ބެލެވެއެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން ޕޯޗުގަލް ގައުމީ ޓީމާއެކު ނުކުތުމަށް. ވަރަށް ހުނަރުވެރި ގައުމީ ޓީމެއް މިއީ. ޕޯޗުގަލް އެފްއޭ ރައީސާއެކު ފުރަތަމަ ދެކެވުނު ވާހަކައިންވެސް އެނގިގެން ދިޔަ މި ގައުމުގެ އޮތީ ދުރު ރާސްތާ ޕްލޭނެއްކަން. އަދި ހަމައެއާއެކު މި މަގާމުގައި އަދާކުރަން ޖެހޭ ބުރަ މަސައްކަތްވެސް ހަނދާން އެބަހުރި. މިއީ ޑިމާންޑްތަކެއް އޮތް މަގާމެއް، ނަތީޖާ ނެރެން ޖެހޭނެ މަސައްކަތެއް،" މާޓިނޭޒް ބުންޏެވެ.
ކުރިން ބެލްޖިއަމާ ހަވާލުވުމުގެ ކުރިން މާޓިނޭޒް ވަނީ ހަތަރު އަހަރު ވިގަން އެތުލެޓިކްސްގެ ކޯޗުކަމުގައި މަސައްކަތް ކޮށް، 2013 ވަނަ އަހަރުގެ އެފްއޭ ކަޕް އެ ކްލަބަށް ހޯދައިދީފައެވެ. އޭގެ ކުރިން އެވަޓަންއާއެކު މަސައްކަތް ކުރި މާޓިނޭޒްގެ ކެރިއަރު ފެށީ ސްވަންސީ ސިޓީންނެވެ.