ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އެފްގައި ކުޅުނު ފަހު މެޗުގައި 9-1 އިން އަރްމީނިއާ ބަލިކޮށް، ޕޯޗުގަލްއިން އަންނަ އަހަރުގެ ވޯލްޑް ކަޕް ޔަގީން ކޮށްފިއެވެ.

އުތުރު އެމެރިކާގެ ގައުމުތަކުގައި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕުން ޕޯޗުގަލްއިން ޖާގަ ހޯދުމާއެކު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ރެކޯޑު ހަވަނަ ވޯލްޑް ކަޕެއް ކުޅުމަށް ފުރުސަޔު ލިބިފައެވެ.

ޕޯޗުގަލްއިން އަޔަލޭންޑާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި ރޮނާލްޑޯއަށް ސީދާ ރަތެއް ދައްކާފައިވާ އިރު، އެ ރަތަކާއެކު ތިން މެޗަށް ވަނީ ސަސްޕެންޑްވެފައެވެ. އެހެންކަމުން މިހާރު އޮތް ގޮތުން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެމެޗު އޭނާއަށް ގެއްލޭނެއެވެ. އެހެން ނަމަވެސް، އެ ސަސްޕެންޝަން ކުޑަ ކުރެވޭތޯ ޕޯޗުގަލް ގައުމީ ޓީމުން ދަނީ އިސްތިއުނާފުކުރަން ތައްޔާރުވަމުންނެވެ.

ރޭ ޕޯޗުގަލްއިން ކުޅުނު މެޗުގައި ފަސޭހަކަމާއެކު އަރްމޭނިއާ ބަލިކުރި އިރު، އެޓީމުގެ ޖާއޯ ނެވޭސްއާއި ބްރޫނޯ ފެނާންޑޭޒްވެސް ހެޓްރިކް ފުރިހަމަ ކުރިއެވެ. އޭގެ އިތުރުން ޕޯޗުގަލްގެ ގޯލްތައް ޖެހީ ރެނާޓޯ ވޭގާއާއި ގޮންކާލޯ ރާމޯސްގެ އިތުރުން ޗީކޯ ކޮންސެކާއޯއެވެ.

އަރްމޭނިއާގެ ހަމައެކަނި ގޯލް ޖެހީ އެޑުއާޑް ސްޕާޓްޔަންއެވެ.