ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ސީދާ ރަތްކާޑާއެކު، ތިން މެޗަށް ސަސްޕެންޑްވެފައި އޮތް އޮތުން، އެއް މެޗަށް ކުޑަކޮށްފިއެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯއަށް ސީދާ ރަތް ކާޑެއް ދެއްކީ، އެ މެޗުގެ ތެރެއިން އަޔަލޭންޑް ޑިފެންޑަރު ޑަރާ އޯޝެއާ ގައިގައި އުޅަނބޮށިން ޖެހުމުންނެވެ. އެ މެޗުން ޕޯޗުގަލް 2-0 އިން ބަލިވި އިރު، އޭގެފަހުން އަރްމީނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅެއެވެ.
އަރްމީނިއާ މެޗުން މޮޅުވެ، ޕޯޗުގަލްއިން ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ޔަގީންކުރި އިރު، ރޮނާލްޑޯ ތައްޔާރު ވަނީ ގައުމީ ޓީމާއެކު ރެކޯޑު ހަވަނަ ވޯލްޑް ކަޕަކަށެވެ.
އާއްމުކޮށް ކުޅުންތެރިއަކަށް ހަމަލާ ދީގެން ދައްކާ ރަތް ކާޑުތަކުގައި ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާ ނަމަވެސް، ރޮނާލްޑޯއަށް ލުއި ދޭން ފީފާއިން ނިންމީ ބައެއް ކަންކަމަށް ބަލައިފައެވެ.
ހަބަރުތައް ބުނީ ރޮނާލްޑޯއަށް ލުއި ގޮތެއް ހޯދަން ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާއިން އިސްތިއުނާފެއް ހުށަހެޅި ކަމަށެވެ. އެ އިސްތިއުނާފުގައި ވާ ބައެއް ކަންތައްތަކަށް ބަލައި، ފީފާއިން ގޮތް ނިންމާފައިވާ އިރު، ސަސްޕެންޝަން އެއްކޮށް މައާފު ކޮށްފައެއް ނުވެއެވެ.
ފީފާއިން ނިންމާފައި ވަނީ އަހަރެއް ތެރޭގައި އެފަދަ ކަމެއް ތަކުރާރުވެއްޖެ ހާލަތެއްގައި ވަގުތުން އިތުރު ދެމެޗުގެ ސަސްޕެންޝަނެއް ރޮނާލްޑޯ ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ އެ ހާލަތު ތަކުރާރުވެއްޖެ ނަމަ އެކަންޏެވެ.
ފީފާއިން ރޮނާލްޑޯއަށް އަދަބު ލުއިކޮށްދޭން ނިންމި ސަބަބަކަށް ގިނަ ނޫސްތަކުން ފާހަގަކުރީ، މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 226 މެޗުން އެންމެ ރަތް ކާޑެއް ހޯދައިފައިވުމެވެ.
މުޙައްމަދު ޝަމްޢޫން
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ