ވޯލްޑް ކަޕް 2026 ގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތަފާތު ނުދެއްކި، ކޮންގޯ އަތުން އެއްވަރުވެއްޖެއެވެ.
ޕޯޗުގަލުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ހާއްސަކޮށް ފަހުގެ ތާރީހެއްގައި މި ޓީމުން ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދުމެވެ. މަޝްހޫރު ކުޅުންތެރިޔާ އުސޭބިއޯގެ މޮޅު ކުޅުމާއެކު ހޯދި މި ކާމިޔާބީގެ އިތުރުން، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރުވަނަ ވެސް އެ ޓީމުން ވަނީ ހޯދައިފައެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޕޯޗުގަލްގެ އެންމެ ފަހުރުވެރި ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫއެފްއޭ ޔޫރޯ މުބާރާތް ކާމިޔާބުކުރުމެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އަލަށް ފެށި ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަންކަން ވެސް ހޯދީ ޕޯޗުގަލުންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އުފައްދާފައިވާ ޕޯޗުގަލް ޓީމަކީ މިއަދު ފުޓުބޯޅައިގެ ވަރުގަދަ ބާރެކެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު، ކުރިއަށް އޮތް މުބާރާތްތަކުގައި ވެސް ޕޯޗުގަލްއަކީ އިދިކޮޅު ޓީމުތަކަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. އަދި މި ވޯލްޑް ކަޕްގައި ޕޯޗުގަލްއަކީ ފޭވަރިޓުންގެ ތެރޭގައި ހިމެނޭނެ އެއް ޓީމެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. މި ޓީމަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. މި ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 1974 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމެވެ. އޭރު "ޒައިރް" ގެ ނަމުގައި ކުޅެމުންދިޔަ މި ޓީމު ވެފައިވަނީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަށެވެ.
މި ވޯލްޑް ކަޕްގައި ކޮންގޯއިން މި ވާދަކުރަނީ 52 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޑީއާރް ކޮންގޯއިން ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި 1968 އަދި 1974 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. މި ވޯލްޑް ކަޕަށް ޑީއާރް ކޮންގޯ ނުކުތީ ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކަކާއެކުއެވެ.
މިރޭގެ މެޗަށް ޕޯޗުގަލްގެ ފުރަތަމަ 11 އިން އެންމެ ހާއްސަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ކެޕްޓަން ރޮނާލްޑޯއެވެ. ކެރިއަރުގައި ނުލިބި އޮތް ހަމައެކަނި ކާމިޔާބު، ވޯލްޑް ކަޕްްގެ ތައްޓެއް ހޯދަން ނުކުންނަ ރޮނާލްޑޯއާއެކު، ފުރަތަމަ 11 ގައި ބްރޫނޯ ފެނާންޑޭޒް، ވިޓީނިއާ، ޖޮއާ ނެވޭސް، ވިޓީނިއާ، ބެނާޑޯ ސިލްވާ، ޕެޑްރޯ ނެޓޯ، ނޫނޯ މެންޑޭޒް އަދި ޖޮއާ ކަންސެލޯ ހިމެނެއެވެ. ބެންޗުގައި ވެސް ތަޖުރިބާކާރު ޑިފެންޑަރު ރުބެން ޑިއާޒް، ރުބެން ނެވޭސް، ޖޮއާ ފީލިކްސް، ރަފައެލް ލިއާއޯ އަދި ފްރެންސިސްކޯ ކޮންސެކާއޯ ފަދަ ކުޅުންތެރިން ހިމެނެއެވެ.
ކޮންގޯގެ ފުރަތަމަ 11 ގައި އެޓީމުގެ މުހިންމު ކުޅުންތެރިން ވަނީ ހިމަނައިފައެވެ. އެގޮތުން އާރޮން ވެން ބިސާކާ، ޔޮއާން ވީސާ، ޗެންސެލް އެމްބެމްބާ އަދި ސެޑްރިކް ބަކަމްބޫ ވަނީ ހިމަނައިފައެވެ. އެ ކުޅުންތެރިންނަކީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ތަޖުރިބާކާއާއެކު ނުކުންނަ ކުޅުންތެރިންތަކެކެވެ.
އެމެރިކާގެ ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ޕޯޗުގަލާއި ކޮންގޯ މިރޭ ކުޅުނު "ގްރޫޕު ކޭ"ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ. ރޮނާލްޑޯ މިރޭ ކުޅެން ނުކުތުމާއެކު ހަ ވޯލްޑް ކަޕެއްގައި ކުޅުނު ކުޅުންތެރިންގެ ތެރޭގައި ވަނީ ހިމެނިފައެވެ. ދެން އެ ރެކޯޑުގައި އޮތީ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ.
ވަރުގަދަ އެޓޭކިން ގޭމަކާއެކު ފެށި ޕޯޗުގަލުން ވަނީ މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެޑްރޯ ނެޓޯ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮއާ ނެވޭސްއެވެ.
ކޮންގޯއިން ކުޅުން ރަނގަޅުކޮށް ފުރުސަތުތައް ތަނަވަސްކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ ދިހަވަނަ މިނެޓުގައި ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ވީސާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ބަކަމްބޫ ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ޓޮމަސް އަރައުހޯ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ކައިރިކައިރީގައި ޕޯޗުގަލުގެ ދެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނޫނޯ މެންޑޭޒް ފޮނުވާލި ބޯޅަ، ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީ މަތަކުރި އިރު، ބްރޫނޯ ފެނާންޑޭޒްގެ ހަމަލާ ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ބޯޅަ ހިފަހައްޓައިގެން ޕޯޗުގަލުން އިތުރު ފުރުސަތެއް ތަނަވަސްކުރަން މަސައްކަތްކުރަމުން ދަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ އެންމެ ފަހު މިނެޓުގައި ކޮންގޯއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އާތާ މަސުއާކޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކޮންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވީސާއެވެ. އެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފަށް ޕޯޗުގަލުން ކުޅެން ނުކުތީ ބަދަލަކާއެކުއެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ބެނާޑޯ ސިލްވާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޒުވާން ފޯވަޑް ކޮންސެސާއޯއެވެ.
ދެވަނަ ހާފުގައި ވެސް ޕޯޗުގަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، ކޮންގޯގެ ވަރުގަދަ ޑިފެންސާ ގުޅިގެން ހާފުގެ ކުރީކޮޅުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ނެވޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޯވަހެޑަކުން ކެންސެލޯ ކޮންގޯގެ ގޯލުގެ ތެރެއަށް ވަނީ ބޯޅަ ފޮނުވާލައިފައެވެ. ނަމަވެސް އެ ބޯޅަ ލިބުނު އިރު، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ.
ޕޯޗުގަލުން އެޓޭކުގައި މަސައްކަތްތަކެއް ކުރަމުންދަނިކޮށް މެޗުގެ 56 ވަނަ މިނެޓުގައި ކޮންގޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބަކަމްބޫ ފޮނުވާލި ހަމަލާ އަމާޒުވީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ރޮނާލްޑޯއަށް މެޗުގައި ލިބުނު ފުރަތަމަ ފުރުސަތު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ކޮންސެސާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ކޮންގޯ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އެ ބޯޅަ ރޮނާލްޑޯއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ވެސް ރޮނާލްޑޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޮންސެސާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭނާ ކައިރީގައި ކޮންގޯގެ ދެ ޑިފެންޑަރަކު ތިބުމުން، އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގެ ފަހުކޮޅުގައި ޕޯޗުގަލުން ބަދަލުތަކެއް ގެނައި ނަމަވެސް، އެންމެ އެދެވޭ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗު ނިމެނިކޮށް ބްރޫނޯ ފެނާންޑޭޒްގެ ހަމަލާއެއް ފެނިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ވެސް ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ އުޒްބެކިސްތާނާއި ކޮލަމްބިއާ އެވެ. އުޒްބެކިސްތާނާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް