ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭގެ އެތައް އެތުލީޓުންނަކަށް ނަމޫނާއެއް ކަމަށާއި އަދިވެސް އޭނާގެ އިންޓެންސިޓީއަކަށް ބަދަލެއް ނާންނަ ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ރޮނާލްޑޯ، 41، މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ކުޅެ ގޯލްވެސް ޖަހާފައިވާ އިރު، އޭނާ މިރޭ ތައްޔާރު ވަނީ ހަވަނަ ވޯލްޑް ކަޕެއްގައި ކުޅުމަށެވެ. ޕޯޗުގަލްއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ޑިމަކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ.

"ރޮނާލްޑޯއަކީ ރޯލް މޮޑެލްއެއް. ރޮނާލްޑޯއަކީ އައިކަނިކް ކުޅުންތެރިއެއް. އަންހެން އަދި ފިރިހެން ގިނަ އެތުލީޓުންތަކަކަށްވެސް ނަމޫނާއެއް. ހާއްސަކޮށް ފުޓުބޯޅައަށް ލޯބިކުރާ އެންމެންނަށް އެއީ ނަމޫނާއެއް. މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕް. އެކަމަކު އަދިވެސް އޭނާގެ ފަރާތުން ފެންނަ ބުރަ މަސައްކަތާއި އިންޓެންސިޓީން ހީވަނީ ފުރަތަމަ ވޯލްޑް ކަޕްހެން،" ޕޯޗުގަލްގެ 52 އަހަރުގެ ކޯޗު މާޓިނޭޒް ބުންޏެވެ.

ގަތަރު ވޯލްޑް ކަޕް، 2022 ވަނަ އަހަރު ރޮނާލްޑޯއަށް ނިމުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އޭރު ހުރި ކޯޗު ފެނާންޑޯ ސަންޓޯސް މުބާރާތުގެ ތެރެއިން ރޮނާލްޑޯ ބެންޗުކޮށްފައި ވެސް ވެއެވެ. މިހާރު ހުރި ކޯޗުގެ ނަޒަރުގައި ރޮނާލްޑޯއަކީ އަދިވެސް ތަފާތު މޮޅު، ބޭނުންތެރި ކުޅުންތެރިއެކެވެ.

"އޭނާ އަދިވެސް މުހިއްމު. ރޮނާލްޑޯއަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ޖާގަ ހޯދައިދޭ، ތަފާތު ކުޅުމެއް ކުޅޭ ފޯވަޑެއް،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް އިތުރަށް ބުނީ ކޮންގޯ އަންޑައެސްޓިމޭޓް ނުކުރެވޭނެ ކަމަށާއި، އޭރުން ލަނޑެއް ލިބުން ގާތް ކަމަށެވެ. އަދި ސްޕެއިނަށް ކޭޕް ވާޑް ކައިރީ ދިމާވި ކަންކަން ތަކުރާރުވެދާނެ ކަމަށް ވިސްނަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޕޯޗުގަލްއިން މިރޭ 10:00 ގައި ކުޅޭ މެޗުގައި ކޮންގޯއާ ދެކޮޅަށް ނުކުންނަ އިރު، އަނިޔާގެ ސަބަބުން ރުބެން ޑިއާޒަށް ނުކުޅެވޭނެއެވެ.