ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ބާސާއިން ރޭ އެތުލެޓިކޯ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ބާސާއިން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މި ހަފުތާގެ ކުރިން ބާސާއާ ގާތުން ލީގު ރޭހުގައި އޮތް އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެންމެ ފަހުން ކުޅުނު މެޗުގައި ވިލަރޭއާލް ކައިރިން ބަލިވުމާއެކު، ތާވަލުގެ އެއްވަނައިގައި ބާސާއަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ.
ބާސާ މި ވަގުތު އެއްވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް ދެވަނަގައި އޮތީ 16 މެޗުން 38 ޕޮއިންޓާ އެކުގައެވެ. ބާސެލޯނާ އަތުން ބަލިވި އެތުލެޓިކޯ މިވަގުތު ތާވަލުގެ ފަސްވަނައިގައި އޮތީ 16 މެޗުން 27 ޕޮއިންޓާއެކުގައެވެ.
ވާދަވެރިކޮށް ފެނިގެންދިޔަ މެޗުގެ 22 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއެވެ. ފްރާންސްގެ ވިންގް، އުސްމާނޭ ޑެމްބޭލޭ ޖެހި އެ ގޯލަކީ އޭނާ މި ސީޒަނުގައި ޖެހި ހަތްވަނަ ގޯލެވެ.
ޑެމްބޭލޭގެ ގޯލަށްފަހު އެތުލެޓިކޯއިން ކުރިއަށް ޖެހި ނުރައްކާކުރަން މަސައްކަތް ކޮށްފައިވާ އިރު، ނަހުއެލް މޮލީނާ ނަގައިދިން ހުރަހަކުން ޖޯސޭ ހިމެނޭޒް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެފަހުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ދިފާއުކުރިއެވެ.
ދެ ވަނަ ހާފުގައި ޑެންބޭލޭ ވަނީ ބާސާއަށް ލީޑު ފުޅާކޮށްދިނުމާ ގާތަށް ޖެހިލައިފައެވެ. ކައުންޓާ އެޓޭކުގައި އޭނާއަށް ލިބުނު ފުރުސަތަކުން ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖެހުމާ ގާތަށް އެތުލެޓިކޯ ޖެހިލިއެވެ. ގްރީޒްމަން ފޮނުވާލި ބޯޅަ ބާސާ ގޯލްކީޕަރު ޓާ ސްޓެގެން އަތްދަށުން ގޯލަށް ވަންނަން ދަނިކޮށް، ރޮނގު މަތިން ސަލާމަތް ކޮށްދިނީ ޑިފެންޑަރު ރޮނަލްޑް އަރައޫހޯއެވެ.
ދެ ޓީމުންވެސް މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާ އެކުގައެވެ. މެޗުގެ އިތުރު ވަގުތުގައި ބޯޅަ ނެތީސް އެއްކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ހަމަލާ ދިނުމުން ރެފްރީ ވަނީ ބާސެލޯނާގެ ފެރާން ޓޮރޭސްއާއި އެތުލެޓިކޯގެ ސްޓެފަން ސަވިޗަށް ސީދާ ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފައެވެ.