ނީލަން ފިހާރައިގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 300 ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭގެ އެމަޖެންސީ އޮޕަރޭޝަންސް މެނޭޖަރު އަބްދުﷲ ރަފީއު "ވަން" އަށް މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލްގެ ތިން އެކޮމޮޑޭޝަން ބްލޮކެއްގައި ތިބި 166 ބިދޭސީންނާއި ރެއިންބޯ ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކުތަކުގައި ތިބި 133 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ރަފީއު ވިދާޅުވީ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކުތަކުގެ ތެރެއިން އެއް ބްލޮކް އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެހެން ބްލޮކުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ރެއިންބޯގެ އެކޮމޮޑޭޝަން ބްލޮކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އިމާދުއްދީން ސްކޫލުގެ ވަގުތީ ހިޔާގައި ސިޓީ ކައުންސިލްގެ 166 ބިދޭސީން މި ވަގުތު އެބަ ތިބި. ރެއިންބޯ ކުންފުނީގެ ބިދޭސީން އެ މީހުންގެ އަމިއްލަ އެކޮމޮޑޭޝަނަށް ބަދަލުވުމުގެ މަސައްކަތް އެބަކުރޭ. އެކަމަކު އެ މީހުން އަދި ނުވައްދާ އަލިފާން އެއްކޮށް ނިއްވާ ނުލެވި ހުރީމަޔާ ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ," ރަފީއުވިދާޅުވިއެވެ.
ސަލާމަތީ ބާރުތަކުން ބުނާ ގޮތުން، މިއަދު ހެނދުނު 5:30 އެހާކަންހާއިރު އަލިފާން ރޯވީ ނީލަން ފިހާރައިގެ އުތުރުފަޅި (އިމާދުއްދީން ސްކޫލާ ދިމާ) ގައެވެ. އަލިފާންގަނޑު އަދިވެސް އެއްކޮށް ނިއްވާލެވިފައި ނުވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އަލިފާން ނިއްވާ ލޮރީވެސް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު