އިދިކޮޅު މައި ޕާޓީކަމަށްވާ ޕީޕީއެމްގެ އާންމު މެމްބަރުން އެ މަނިކުފާނު ދެކެ މިހާރު ރުޅި އައިސްގެން ނޫޅޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ފުވައްމުލަކު ރައްޔިތުންނާއެކު ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ޕީޕީއެމް މީހުން އެ މަނިކުފާނުގެ ދެކެ ރުޅި ނާންނަ ސަބަބު ދަންނަވަން ނޭނގޭ ކަމަށެވެ.
"އަޅުގަނޑަށް ފެނުނީ ރަށްރަށުގަވެސް އަދި މާލޭގަވެސް ރައްޔިތުން ވަރަށް ބޮޑަށް އެދި ތިބީ އެމްޑީޕީގެ އެހެން ވެރިކަމެއް އުފެދުމަށް ރާއްޖޭގައި. އަޅުގަނޑަށް ފާހަގަވޭ އެހެންޏާވީއާ ޕީޕީއެމް މީހުން އަޅުގަނޑު ފެނުނުނީމަވެސް ދެދަތް ޖެހޭ ވަރަށް ރުޅިއާދޭ. މިހާރު އެ މީހުންވެސް އެހާ ރުޅިއެއް ނާދޭ. އަޅުގަނޑަކަށް ނޭނގެ ކޮން ސަބަބަކާ ހުރެގެން ކަމެއް. ދެން އަޅުގަނޑުވެސް ލަފާކުރަނީ އަޅުގަނޑު ދުވަސް ކޮޅެއްވެއްޖެ މިކަންކަމުގެ އުޅޭތާ. އެހެންވީމާ އެ މީހުންވެސް ކޮންމެވެސް ވަރަކަށް ފަރިތަވީ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަޅުގަނޑަށް ވަރަށް އުއްމީދީ ގޮތަކަށް ކުރިއަށް އޮތްތަން ފެންނަނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން އެހެން ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހަދަންޖެހޭނަމަ، އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އެމްޑީޕީން މިހާރު ކޯލިޝަން ހަދާފައިވަނީ ސަރުކާރުގެ 40 ޕަސަންޓަށް ކަމަށާއި އެކަމަކު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މުޅި ރާއްޖެއިން ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ދީފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ކޯލިޝަންގެ ހިމެނޭ ޕާޓީއަކަށް ކެބިނެޓުން ތިން މަގާމު ދިން ކަމަށާއި އެ ޕާޓީގެ މެމްބަރަކު މަޖިލިސްގައި ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ 100 ޕަސަންޓް ތާއިދު އޮތްއިރު ސަރުކާރުން 40 ޕަސަންޓް ނަގާނަމަ، އެމްޑީޕީ މެމްބަރުން ބާކީ ވެގެންދާނެ ކަމަށެވެ. ރައްޔިތުން އެމްޑީޕީގެ ވަކި މީހަކަށް ތާއިދު ނުކުރާ ކަމަށާއި ރައްޔިތުން ތާއިދު ކުރަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު