ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ވިލަރެއާލް ކައިރިން ބަލިވެ، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.
ރެއާލް ރޭ ރަށުން ބޭރުގައި ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ބައްޔާއެކު ރެއާލް ލީގުގެ ދެ ވަނައިގައި އޮތީ 16 މެޗުން 38 ޕޮއިންޓާ އެކުގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ އެއް މެޗު އިތުރަށް ރެއާލް ކުޅެފައިވާ އިރު، ބާސާއަށް ވަނީ 15 މެޗުން 38 ޕޮއިންޓް ލިބިފައެވެ. މި ހަފުތާގައި ބާސާއިން ލީގުގައި ކުޅޭ މެޗުގައި މިރޭ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅުވެ، އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދުމުގެ ފުރުސަތު ބާސާއަށް އެބަ އޮތެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް ތަނަވަސް ކުރީ ހޯސްޓް ވިލަރެއާލުންނެވެ. އެލެކް ބައޭނާއާއި ފްރާންސިން ކޮކަލިންގެ ހަމަލާތައް ފާހަގަވެގެން ގޮސްފައިވާ އިރު، ބައޭނާގެ ދެ ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައިވެއެވެ. ޖެރާޑް މޮރޭނޯގެ ހުރަހުން ކޮކަލިން ޖެހި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.
ފުރަތަމަ ހާފުގައި ރެއާލްގެ އެންމެ ނުރައްކާތެރި ހަމަލާއަކަށް ފެނުނީ ކަރިމް ބެންޒެމާ އުފެއްދި ހަމަލާއެވެ. އަރިމަތިން ބްރެޒިލްގެ ވިންގް، ވިނީޝިއަސް ޖޫނިއާ ނަގައިދިން ހުރަސް އެއް ފަހަރާ ބެންޒެމާ ފޮނުވާލުމުން މަތަކޮށް ބޭރުކޮށްލީ ވިލަރެއާލްގެ ގޯލް ބަލަހައްޓަމުން ދިޔަ ވެޓްރަން ގޯލްކީޕަރު ޕެޕޭ ރޭނާއެވެ.
ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ، ފާލެން މެންޑީގެ ގޯހެއްގެ ފައިދާ ނަގައި، ޔެރެމީ ޕިނޯ ވަނީ ވިލަރެއާލްއަށް ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ވިލަރެއާލުން ދެވަނަ ހާފްގެ ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް، މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެންޒެމާ ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ރެއާލްއަށް ލިބުނު ޕެނަލްޓީއަކީ އޭރިއާ ތެރެއިން ޖުއާން ފޮއިތު އަތުގައި ޖެހިގެން، ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ތިން މިނެޓް ފަހުން ވިލަރެއާލުން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީގައެވެ. އެ ޕެނަލްޓީއަކީ ރެއާލްގެ ޑޭވިޑް އަލާބާ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީގައި ވިލަރެއާލްގެ ދެވަނަ ގޯލް ޖަހައިދިނީ މޮރޭނޯއެވެ.