އެތުލެޓިކޯ މެޑްރިޑަށް ކުޅުނު އިރު، ބާސެލޯނާއާ ދެކޮޅަށް ނުކުންނަ މެޗުތަކުގައި ލިއޮނަލް މެސީ ހުއްޓަވާނެ ގޮތަކަށް ކޯޗު ޑިއޭގޯ ސިމިއޯނީ ބުނަނީ ދުއާ ކުރަން ކަމަށް އިންގްލެންޑް ޑިފެންޑަރު ކީރަން ޓްރިޕިއާ ބުނެފިއެވެ.
ޓްރިޕިއާ ނިއުކާސަލަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ އެތުލެޓިކޯގައި ތިން އަހަރު ދުވަސް ހޭދަކޮށްފައެވެ. އެ ހަނދާންތައް ހިއްސާކުރަމުން "ގޯލް"އަށް ޓްރިޕިއާ ބުނީ މެސީ ހުއްޓުވާނެ ޕްލޭނެއް ސިމިއޯނީއަކަށްވެސް ނޭނގޭ ކަމަށާއި، ގިނަ ފަހަރަށް ބުނަނީ ދުއާ ކުރަން ކަމަށެވެ.
"އެއީ މަޖާވެސް ވެދާނެ ވާހަކައެއް. ސިމިއޯނީއާއި މެސީއަކީވެސް އާޖެންޓީނާއަށް ނިސްބަތްވާ ދެމީހުން. ބާސާއާ ދެކޮޅަށް އެތުލެޓިކޯއިން ނުކުންނަ މެޗުތަކުގެ ކުރިން ޓީމު މީޓިންތަކުގައި ސިމިއޯނީ ބުނާނެ، ޓީމެއް އޯގަނައިޒްކޮށް، މެސީ ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށް. ދުއާކޮށްލާށޭ ސިމިއޯނީ ބުނާނެ. މަޖަލަކަށްވިޔަސް ސިމިއޯނީ އެހެން ބުނަނީ މެސީއަށް ކުރާ އިހުތިރާމަކަށް،" ޓްރިޕިއާ ބުންޏެވެ.
އެތުލެޓިކޯއިން 2020-21 ވަނަ އަހަރުގެ ސީޒަން ކާމިޔާބުކުރި ޓީމަށް ޓްރިޕިއާ ކުޅެފައިވާ އިރު، ނިއުކާސަލްގެ ކެޕްޓަން ބޭންޑުގައި އޭނާ މިހާރު ދަނީ ޕްރިމިއާ ލީގުގައިވެސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޓްރިޕިއާ ބުނީ ސްޕެއިން ލީގުން ތަޖުރިބާތަކެއް ހޯދުނު ކަމަށާއި، އެތުލެޓިކޯގައި ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.
މެސީއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ރެކޯޑު ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ވަނީ ފުޓުބޯޅަ ކެރިއަރުގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ. އެންމެފަހުން މެސީ ހޯދި ކާމިޔާބީއަކީ އާޖެންޓީނާއާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމެވެ. މެސީއަށް އަންނަ އަހަރުގެ ބެލޮންޑިއޯ ލިބޭނެކަމަށް އުންމީދު ކުރެވޭ އިރު، އޭނާއަކީ ވޯލްޑް ކަޕްގެ ރަން ބޯޅަ ހޯދި ކުޅުންތެރިޔާވެސް މެއެވެ.