ވިހި އަހަރަށްފަހު އާސެނަލުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ކްލަބު ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް ފައިނަލަށް އާސެނަލް ދަތުރުކުރީ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކައިރިން ކުރި ހޯދައިގެންނެވެ. ދެޓީމުގެ ފުރަތަމަ ލެގު، ސްޕެއިންގައި 1-1 އިން އެއްވަރުވެފައި އޮތް އިރު، މިރޭ އަމިއްލަ ދަނޑުގައި އާސެނަލް މޮޅުވީ 1-0 އިންނެވެ. އެހެންކަމުން އެޓީމުން ކުރިހޯދީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު ހޯދުމަށްވެސް އެންމެ ފުރުސަތު ބޮޑުކޮށް އޮތް އާސެނަލަށް މިއީ ތަފާތު ބޮޑު ކާމިޔާބީއެކެވެ. 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ އެންމެ ބޮޑު ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އާސެނަލް މިހާތަނަށް ޗެމްޕިއަންސް ލީގު ހޯދާފައެއް ނުވެއެވެ.
އާސެނަލާއި ބާސެލޯނާއިން 2006 ވަނަ އަހަރު ކުޅުނު ފައިނަލުގައި އާސެނަލް ނާކާމިޔާބުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ ފައިނަލް ވެގެންދާނީ އާސެނަލުން ކުޅޭ ދެވަނަ ޗެމްޕިއަންސް ލީގު ފައިނަލަށެވެ.
މުޅި މެޗުވެސް ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމުމުގެ ކުރިން މެޗުގެ ހަމައެކަނި ގޯލް އާސެނަލަށް ޖަހައިދިނީ ބުކަޔޯ ސަކާއެވެ.
އަރިމަތިން ވިކްޓޯ ޔޯކެރޭޝް ނަގައިދިން ހުރަހުގައި ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ ޔާން އޮބްލަކް މަތަކޮށްފައިވާ އިރު، ރީބައުންސްގައި ސަކާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ދެވަނަ ހާފު ފެށިގެން އެތުލެޓިކޯއިން ގޯލަކަށް މަސައްކަތް ކުރި އިރު، ގިއުލިއާނޯ ސިމިއޯނީ ފޮނުވާލި ހަމަލާ ބްލޮކް ކުރީ ގެބްރިއަލްއެވެ. އަދި އޭގެފަހުން އެންޓޮއިން ގްރީޒްމަންއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ މަތަކުރީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއެވެ.
މެޗުގެ ލީޑު ފުޅާކުރުމަށް ޔޯކެރޭޝްއަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ބޭނުމެއް ނުކުރެވުނެވެ. އެ ފުރުސަތު ގެއްލުނު ނަމަވެސް، އާސެނަލުން ވަނީ ފަހުވަގުތާ ޖެހެންދެން ނަތީޖާ ދަމަހައްޓައި، ފައިނަލް ޔަގީން ކޮށްފައެވެ.
ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ ބަޔާން މިއުނިކް ނޫނީ ޕީއެސްޖީއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު