ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި އާސެނަލާއި އެތުލެޓިކޯ މެޑްރިޑް އެއްވަރު ވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެމެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގޯލް ފެނުނީ ލިބުނު ޕެނަލްޓީއެއްގައެވެ. އޭގެ އިތުރުން އާސެނަލުން ވަނީ އެޓީމަށް ދޭން ޖެހޭ ޕެނަލްޓީއެއް ރެފްރީ ނުދިން ކަމަށްބުނެ، ވަރަށް ބޮޑަށް ޝަކުވާވެސް ކޮށްފައެވެ.

ހީކުރިގޮތަށް މެޗު ވެގެން ދިޔައީ ހަމަލާތައް މަދު މެޗެއްގެ ގޮތުގައެވެ. ދެޓީމުގެ ފަރާތުންވެސް މާ ބޮޑަށް ޖާގަ ދީގެން އެޓޭކަށް އަރަން މަސައްކަތް ކޮށްފައި ނުވާ އިރު، މެޗުގެ އޮއިވަރު ބަދަލުވީވެސް ދެވަނަ ހާފުންނެވެ.

ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އާސެނަލަށް ޕެނަލްޓީ ލިބިފައި ވަނީ ވިކްޓޯ ޔޯކެރޭޝްއަށް، ޑޭވިޑް ހެންކޯ އޭރިއާ ތެރެއިން ކުރި ފައުލަކަށެވެ. އެ ޕެނަލްޓީގައި ގޯލް ޖަހައިދިނީވެސް ޔޯކެރޭޝްއެވެ.

އެ ގޯލަށް މާގިނައިރެއް ނުވެ، 11 މިނެޓް ފަހުން ޖޫލިއަން އަލްވަރޭޒް ގޯލް ޖެހިއެވެ. އެ ގޯލަކީވެސް ވީއޭއާރްގެ އެހީގައި ދިން ޕެނަލްޓީއެއްގައެވެ. އެއީ މާކޮސް ލޮރެންޓޭގެ ހަމަލާއެއް އޭރިއާ ތެރެއިން ބެން ވައިޓް އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ.

އެ ގޯލަށްފަހު އެތުލެޓިކޯއިން ބޮޑަށް ނުރައްކާކުރި އިރު، އާސެނަލް ސަލާމަތްވީ ކިރިޔާއެވެ. އެޑެމޯލާ ލުކްމަންގެ ނުރައްކާތެރި ހަމަލާއެއް ޑޭވިޑް ރާޔާ މަތަކުރި އިރު، ގެބްރިއަލް މަގަޅޭއާސް ވަނީ އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާއެއް ރޮނގުމަތިން ސަލާމަތް ކޮށްފައެވެ.

އާސެނަލުން ފަހު ހާފުގައި ޕެނަލްޓީއެއް ނުލިބިގެންވެސް ޝަކުވާކުރިއެވެ. އެއީ އެބެރެޗީ އެޒޭއަށް އޭރިއާ ތެރެއިން ފައުލެއް ކުރި ކަމަށް ބުނެއެވެ.

ފަހުކޮޅުގައިވެސް އެތުލެޓިކޯއިން ނުރައްކާކުރި އިރު، ގްރީޒްމަންގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ. އަދި ލުކްމަންއަށް ލިބުނު އިތުރު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ރާޔާ އަތަށެވެ.