ގަތަރު ވޯލްޑް ކަޕް 2022ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ހޯދަން ޗެލްސީން ހުށަހެޅި އަގު ކުޑަވުމުން ބެންފިކާއިން ނުރުހުން ވެއްޖެއެވެ.

އުމުރުން 21 އަހަރުގެ އެންޒޯ ހޯދަން ޗެލްސީން މަސައްކަތް ކޮށްފައިވާ އިރު، ހަބަރުތައް ބުނާ ގޮތުން ބެންފިކާއާއި ޗެލްސީން ގިނަ ދުވަސްތަކެއް ވަންދެން އެކަމުގައި މަޝްވަރާކޮށްފައިވެއެވެ. އެންޒޯގެ ރިލީސް ފީއެއްގެ ގޮތުގައި 120 މިލިއަން ޔޫރޯގެ އަގެއް ހިމަނާފައިވާ އިރު، އެ ކްލަބުން ޗެލްސީއަށް އެދުނީ އެ އަގު ދެއްކުމަށެވެ. ނަމަވެސް ޗެލްސީން އެއް ފަހަރާ އެ އަގު ދައްކަން ބޭނުން ނުވި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އެގޮތުން ޗެލްސީން ހުށަހެޅީ 85 މިލިއަން ޔޫރޯގެ ބިޑެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެ ބިޑާއެކު ބެންފިކާއިން ވަނީ ނުރުހުންވެ ވާހަކަ ދައްކައިފައެވެ. އެގޮތުން އެ ކްލަބުގެ ކޯޗު ރޯޖާ ޝްމިޓް ބުނީ އެންޒޯ ވިއްކާލަން ކްލަބުން ބޭނުން ނުވާ ކަމަށާއި އެންޒޯ ގެންދަން ބޭނުންވާ ކްލަބަށް އޮތް ގޮތަކީ 120 މިލިއަން ޔޫރޯގެ ރިލީސް ފީ ދެއްކުން ކަމަށެވެ.

"އަހަރެމެން ބޭނުމެއް ނުވޭ އެންޒޯ ވިއްކާލާކަށް. އެންޒޯ ގެންދަން ބޭނުންވާ ކްލަބެއް އެބަ އޮތް. އެކަމަށް އެންޒޯވެސް ހިތްއެދުނު. އެކަމަކު އެ ކްލަބަށް އޮތް ގޮތަކީ 120 މިލިއަން ޔޫރޯގެ ރިލީސް ފީއެއް ދެއްކުން. މިހާރު އެންޒޯ ގެންދަން އުޅޭ ކްލަބު (ޗެލްސީ) އިން ވަނީ އިހުތިރާމު ކުޑަކޮށްފައި. އެއީ އެންޒޯއަށް އުނދަގޫ ހާލަތެއް ކުރިމަތިކުރުވަނީ. އެންޒޯ ބޭނުންވެގެން އުޅޭހެން އުޅެފައި، އޭނާގެ ރިލީސް ފީ ދައްކަން އިންކާރު ކުރަނީ. އަނެއްކާވެސް އިތުރު ވާހަކަތަކަކަށް ދާން މިހާރު ވިސްނަނީ،" ޝްމިޓް ބުންޏެވެ.

ބެންފިކާއިން މި ސީޒަނަށް އެންޒޯ ގެންދިޔައީ ރިވާ ޕްލޭޓުންނެވެ. 2019 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެންޒޯ ރިވާ ޕްލޭޓުގައި ހޭދަކުރި ނަމަވެސް، އޭނާ މިދިޔަ ސީޒަންގައި ކުޅެފައި ވަނީ ޑެފެންސިޔާ ވައި ޖަސްޓިސިއާއަށެވެ. އެއީ ލޯން އެއްބަސްވުމެއްގައެވެ. އެންޒޯ ވޯލްޑް ކަޕާއެކު މިހާތަނަށް އާޖެންޓީނާއަށް 10 މެޗު ކުޅެފައިވާ އިރު، ވޯލްޑް ކަޕްގައި އޭނާ ފެނުނީ ތަފާތު މޮޅުކޮށެވެ. ހާއްސަކޮށް މެކްސިކޯ ކޮޅަށް ޖެހި ހިތްގައިމު ގޯލު ފާހަގަކޮށްލެވުނެވެ.

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ސީޒަނަށް ޗެލްސީން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު، ޕްރީ އެގްރީމެންޓްގައި ގިނަ ކުޅުންތެރިންނެއްގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ލެއިޕްޒިގަށް ކުޅެމުން އަންނަ ކްރިސްޓޮފާ އެންކުންކޫއާއި އައިވަރީ ކޯސްޓްގެ ފޯވަޑް ޑަޓްރޯ ފޮފާނާވެސް ހިމެނެއެވެ. އަދި މިއަދު ވަނީ މޮނާކޯއިން ބެނޮއިޓް ބަޑިއާޝީލޭ ގެންދިޔަކަންވެސް އިއުލާންކޮށްފައެވެ.