ރ. އަލިފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯޓުގެ މަސައްކަތް ނިމި، މިއަހަރު އެ އެއާޕޯޓަށް ފުލައިޓް ޖެއްސުމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އަލިފުށި އެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އަލިފުށީގައި އެއާޕޯޓުގެ ހެދުމުގެ މަސައްކަތް ކުރަމުންދާ އިރު، އެންމެ ބޮޑު އަދި އެންމެ އުނދަގޫ މަސައްކަތަކީ އެއާޕޯޓުގެ ޓާމިނަލް ހެދުމުގެ މަސައްކަތް ކަމަށެވެ. ޓާމިނަލަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކައި މިހާރު ނިމިފައިވާ ކަމަށާއި ދެން ކުރަން އޮންނާނީ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެ ހުރިހާ މަސައްކަތެއް ނިންމުމުން މިއަހަރު އަލިފުށީ އެއާޕޯޓަށް ފުލައިޓް ޖެއްސިގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް އަދިވެސް ވަރަށް ބޮޑު އުއްމީދެއް އެބައޮތް މީ ހަމަ ބިގޭ (އަލިފުށި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު ހުސައިން) ވިދާޅުވާހެން މިއަހަރު ތެރޭގައި މިރަށަށް ބޯޓު ޖެއްސޭނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް. އަޅުގަނޑުމެން އުއްމީދުކުރަންވާނެ ކަންތައްތައް ކުރަން ކިތަންމެ ދަތިވިޔަސް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އަލިފުށީގައި އެއާޕޯޓު ހެދުމުގެ މަސައްކަތަށް އެމްޓީސީސީގެ ޓީމުން އެރަށް ދިޔުމުން އެއާޕޯޓު ހަދާނެ ކަމަށް މީހުން ގަބޫލު ނުކުރި ކަމަށެވެ. އެއާޕޯޓު ހަދާނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރީ ޒަމާންތަކެއް ވަންދެން ރައްޔިތުންނަށް އެކިއެކި ހުވަފެން ދައްކާފައި، އެކަންތައް ކޮށްނުދިނުމުގެ ސަބަބުން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދެއް ވެވަޑައިގެންފިނަމަ، އެ ވައުދެއް ފުއްދަވައިދެއްވާނެކަން ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުން ޕްރޮޖެކްޓެއް ނުހިންގާ ރަށެއް މިހާރު ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.
"މިއަންނަނީ ހަމައެކަނި އިންތިހާބަށް ކަޑަ ޖަހާ ސަރުކާރެއް ނޫނޭ އަޅުގަނޑު އަބަދުވެސް ބުނަން މިހާރު. ރައްޔިތުން ގަބޫލުކުރާނެ އެކަން. އިންތިހާބަށް ކަޑަޖެހި ސަރުކާރުތައް ނިމިއްޖެ، އިންތިހާބުތަކަށް ކަޑަޖެހި ސަރުކާރުތައް މިހާރު ރައްޔިތުން ބޭނުންނުވާކަން ރައްޔިތުން ބުނަމުން އެދަނީ. އެހެންވީމާ އަޅުގަނޑުމެން މިއަދުގެ ސަރުކާރު މަސައްކަތް ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އިލްތިމާޒަކީ ރައްޔިތުންނަށް އޮޅުވާނުލައި، ރައްޔިތުންނަށް އަމާނަތްތެރިކަމާއެކުގެ ނޫނީ މަސައްކަތް ނުކުރަން،" އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން މަސައްކަތް ކުރަނީ ރައީސްގެ އިލްތިމާޒާ އެއްގޮތަށް ކަމަށާއި ހުރިހާ ރަށެއްގައި މަސައްކަތް ކުރަމުންދަނީ ސަރުކާރުން އަންގާފައިވާ ގޮތަށް ކަމަށެވެ. އަދި ރައީސް ސޯލިހު ތެދުވެރިކަމާއެކު ރާއްޖެއަށް ކުރިއެރުން ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު