ރ. އަލިފުށީ އެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އަޅައިފިއެވެ.
އަލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ ޓާމިނަމްގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށި އެއާޕޯޓުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސީއީއޯ އާދަމް އާޒިމް އާއި އަލިފުށި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަދި އަލިފުށި ކައުންސިލްގެ ރައީސް އާދަމް އިމްރާންއެވެ.
އެމްޓީސީސީން މިއަދު އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ނިމުމުން، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރު މުޅިން އާ ޒަމާނަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ނިމުމުން އެރަށަށް އިގުތިސޯދީ ގޮތުންވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބުންޏެވެ.
"ފަތުރުވެރިކަމާއި ވަޑާންކުރުމާއި ބޯޓުޔާޑުގެ ވިޔަފާރި ފުޅާވެ އިގުތިސޯދު އާ މިސްރާބަކަށް ބަދަލުވެގެންދާނެ. އަލިފުށީ ސަރަހައްދުގައި އާ ރިސޯޓްތައް އުފެދި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެންދާނެ. އަދި މި އެއާޕޯޓުން ފުރައިގެން ވިއްސަކަށް މިނެޓް ތެރޭ ވާދޫއަށާއި ރަސްގެތީމަށާއި އަނގޮޅިތީމަށާއި ށ. ކޮމަންޑޫއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އަލިފުށީގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ދަށުން 5.50 ހެކްޓަރުގެ ބިން އެ ރަށަށް އިތުރުކުރެވިގެން ދާއިރު، އެ ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
"އެހެންކަމުން، 451 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމިގެންދާއިރު އަލިފުށީ ބިމުގެ ސައިޒުވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް ރ. އަލިފުށި ބަދަލުވެގެންދާނެ" އެމްޓީސީސީން ބުންޏެވެ.
އަލިފުށީ އެއާޕޯޓު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.
ޖުމުލަ 451.6 މިލިއަން ރުފިޔާއަށް އަލިފުށީގެ އެއާޕޯޓު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ގާއިމުކޮށް، އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެއެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިން އެ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ދޫކުރާނެއެވެ. އަދި 40.5 ހެކްޓަރުގެ ބިން ބޭނުންކުރާނީ އެއާޕޯޓު ގާއިމު ކުރުމަށެވެ.
އޭގެ އިތުރަށް ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރު ސަރަހައްދެއްގެ ރިވެޓުމަންޓު ޖެހުމާއި 480 މީޓަރުގެ ގްރޮއިންއެއް ގާއިމް ކުރުން ހިމެނެއެވެ. ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް ހެދުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު