ފުވައްމުލަކު ސިޓީގައި ތަރައްގީގެ ކަމެއް ނުހިންގައޭ ވިދާޅުވުމަކީ ޖޯކެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގެ ދޫނޑިގަން އަވަށުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވެފައިވަނީ، މާމެލާމެއްޔާއި މޭވާއަކީ ފުވައްމުލަކުގައި ފަސޭހައިން ހެދޭ އެއްޗެހި ކަމަށާއި އިމްޕޯޓް ކޮށްގެން ގެންނަން ނުޖެހޭ ކަމަށެވެ. ނަމަވެސް މިހާރު އެ ތަކެތި ފުވައްމުލަކުގައި ނުހެދެނީ ސަރުކާރުން އަޅައިނުލުމުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ލެބޯޓަރީއެއް ގާއިމުކުރަން ސަރުކާރުން ނިންމި ކަމަށާއި ނަމަވެސް ހަތަރު އަހަރު ފަހުން އެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބެލިއިރު އުންމީދު ކުރީ "ކޮންމެވެސް މީހަކު ޓެސްޓިޔުބަކަށް އެއްޗެއް ލައިގެން ބަލަހައްޓައިގެން ހުންނާނެ މަންޒަރު" ފެންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް އަދި ކުރެވިފައިވަނީ އެ މަސައްކަތަށް ބޭނުންވާ ބިން ކަނޑައަޅައި އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރުން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

"ދެން އަޅުގަނޑުމެން ލަހޭ، ސްލޯއޭ، މާމަޑުންނޭ، ފިނިހަކު ދުވެއްޔޭ އެއީ މިޕާޓީ ދަންނަ ގޮތެއް ނޫނޭ. މި ވާހަކަތައް އަޑުއުފުލަމުން މިގެންދަނީ ކެތް މަދުވާތީވެ،" ނަޝީދު ވިދާޅުވެފައިއެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ނަޝީދުގެ އެ ވާހަކަތަކަކީ ޖޯކެއް ކަމަށެވެ.

"ފުވައްމުލަކުގައި ހުރެ ތަރައްގީއެއް ރާއްޖެއަކަށް ނުގެނެވެއޭ، ފުވައްމުލަކުގައި ރާއްޖޭގެ މަޝްރޫއެއް ނުހިންގައޭ ބުނީމަ އެއީ ދެން ބޮޑު ޖޯކެއް. ފުވައްމުލަކުގައި އެބަ އަޅުގަނޑުމެން ހިންގަމޭ 786 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް. މިހާތަނަށް ހަރަދުކޮށް އަޅުގަނޑުމެން ނިންމައިފިން 436 މިލިއަން ރުފިޔާ. މަގުތައް ހެދި ނިމެނީ، ގިރާ ސަރަހައްދު ހިމާޔަތް ކުރެވެނީ، އޭގެ ބޭރުން ބޮޑު މަގެއް އެލެވެނީ، މިސްކިތްތައް އެޅެނީ، ސްކޫލުތަކުގެ މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމްތައް އެ ރަށުގައި އެޅެމުން އެ ދަނީ، އާ އިންޖީނުގެއް އެޅެމުން އެ ދަނީ. މިހާރު އަޅުގަނޑުމެން ކުރަން ނިންމާފައި އޮތްކަމަކީ އެރަށުގެ ބަނދަރު ބޮޑު ކުރެވޭނީ ކިހަނެކުންތޯ ބެލުމުގެ ސާވޭ ކުރުން، އެ ރަށުގެ މަސްވެރިންނަށް މަސް ރަށަށް ކިރޭނެ ގޮތް އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، މިފްކޯއިން އަޅުގަނޑުމެން ހަދާނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުން ޑިއުޓީ ނެގުން ކަނޑާލަން ޔޫރަޕުން ނިންމުމުން ނަޝީދު މަސައްކަތް ކުރެއްވީ އެކަމުގެ ކްރެޑިޓް ނަންގަވަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ނަޝީދުގެ ވެރިކަމުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ކުރެއްވި މަސައްކަތެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔޫރަޕަށް ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ މަސައްކަތުގެ ކްރެޑިޓް ލިބިވަޑައިގަންނަވަން ޖެހެނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކަމަށެވެ.

"ޔޫރަޕަށް ވިއްކާ މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރުން ނޯންތޯ. އިނގިރޭސިވިލާތަށް ވިއްކާ މަހުން ދަޅު މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރެއްވުން ނޫންތޯ. މި އިންނެވި އަބްދުﷲ ޝާހިދު އެކަންކޮށް ނިންމާ ހިސާބުން، މިހާރު އެ (ނަޝީދު) ވިދާޅުވަނީ މި އަންނަ މަހުގައި އެކަންވާނެއޭ. ޝާހިދު ކޮންކަމެއްތޯ ކުރެއްވީ ދެން. ޝާހިދު ކުރެއްވި ކަމެއް ވިދާޅުވެ ބަލަ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ނަޝީދުގެ ވެރިކަމުގައި މަސްވެރިންނަށް ނުދެވި ހުރި 39 މިލިއަން ރުފިޔާ ދައްކައި ހަލާސްކުރީ މި ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.