ޚަބަރު

ތިން އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗައިނާގެ އެއާލައިންތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ އެއާލައިންތަކުން ރާއްޖެއަށްކުރާ ދަތުރުތައް މެދުކަނޑާލާފައި އޮންނަތާ ތިން އަހަރު ފަހުން, ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ, އެ ގައުމުގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާ އިރު, ޗައިނާގެ ތިން އެއާލައިނަކުން މި މަހުގެ ތެރޭގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ވަނީ ޝެޑިއުލްކޮށްފައެވެ.

އެމްއޭސީއެލުން "ވަން" އަށް ހިއްސާކުރި މައުލޫމާތަށް ބަލައި އިރު, އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާނީ މި މަހުގެ 18 ވަނަ ދުވަހު ބެއިޖިން ކެޕިޓަލް އެއާލައިނުންނެވެ. އެ އެއާލައިނުން ބާއްވަނީ ޗާޓާ ދަތުރުތަކެކެވެ. އެގޮތުން މި މަހުގެ 18 އިން 22 އާ ދެމެދު އެ އެއާލައިނުން ހަތަރު ފްލައިޓް ރާއްޖެއަށް ބާއްވާން ހަމަޖެހިފައިވާ އިރު, އެ ދަތުރުތަކުގައި ބޭނުންކުރާނީ 306 ފަސިންޖަރުންގެ ބޯޓެކެވެ.

އެއަށްފަހު މި މަހުގެ 28 ވަނަ ދުވަހު ޗައިނާ އީސްޓާންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމަށް ވަނީ ނިންމައިފައެވެ. އަންނަ މާޗު މަހުގެ 25އާ ހަމައަށް އެ އެއާލައިނުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ދަތުރެއް ބާއްވާނެއެވެ. އެ ދަތުރުތަކުގައި ބޭނުންކުރާނީ 232 ފަސިންޖަރުންގެ ބޯޓެކެވެ.

ތިންވަނައަށް ދަތުރުތައް ފަށަން ނިންމާފައިވަނީ ހޮންގް ކޮންގް އެއާލައިންސް އިންނެވެ. އެ އެއާލައިންގެ ދަތުރުތައް ފެށުމަށް ސްލޮޓް ދޫކޮށްފައިވަނީ މި މަހުގެ އެކަކުން ފެށިގެން އަންނަ މާޗު މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ.

ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.