އިންތިހާބެއްގައި ވަގު ހަދައިގެން މޮޅުވާނެ ކަމަށް ހީފުޅު ކުރެއްވުމަކީ ގޯހެއް ކަމަށާއި ވަގު ހަދައިގެން މޮޅުވާނަމަ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާ އިރު، އެ އިންތިހާބުގައި ވާދަކުރައްވާ ނަޝީދާއި ރައީސް ސޯލިހު ވެސް ކެމްޕޭނު ފައްޓަވައި، ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ. ނަޝީދު ކެމްޕޭން ޓީމުން ވަނީ ޕްރައިމަރީގައި ރައީސް ސޯލިހު ވަގު ހައްދަވާނެ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. ނަޝީދު ވެސް މީގެ ކުރިން ވަނީ އިންތިހާބުގެ ސައްހަކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފައްދަވައިފައެވެ.
ބޮޑިބަތް ޕާކުގައި ނަޝީދު މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އިންތިހާބާ ދިމާކޮށް ވަކިކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން އެހެން ސިޔާސީ ޕާޓީތަކަށް ވައްދާފައިވާ ކަމަށާއި އެއީ ހަދާފައިވާ ބޮޑު ވަގެއް ކަމަށެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އަށް ނޭނގި އެމްޑީޕީގެ މެމްބަރަކު އެހެން ޕާޓީއެއްގެ ދަފުތަރެއްގައި ހިމަނަނީ އެމްޑީޕީގެ ދަފުތަރުން އެ މެމްބަރަކު ކަނޑާލުމަށް ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި އެކަން އެގޮތަށް ކުރަމުންދަނީ އީސީ މެދުވެރިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ މިހުންނަނީ ވަރަށް ވަރަށް ވަރަށް ހުތުރު އަމަލުތައް. އިންތިހާބަކުން ވަގު ހަދައިގެންނެއް މޮޅެއް ނުވެވޭނެ. އެހެންނަމަ އަޅުގަނޑު ރައީސް އަރިހު ދަންނަވަން ބޭނުމީ 2018ގަ ރައީސް ޔާމީނަށްވެސް މޮޅުވެވުނީސް. ހުރިހާ ވަސީލަތެއްހުރި، ހުރިހާ ބާރެއް އޮތް، ހުރިހާ ސިޔާސީ ލީޑަރުން ތިބީ ބަންދުގަ. އެހެންނަމަވެސް ނަތީޖާ ނުކުތީ އިދިކޮޅަށް،" ނަޝީދު ވިދާޅުވިއެވެ.
އިންތިހާބު ކާމިޔާބު ކުރުމަށް ހެޔޮމަގުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމަށާއި އެހެން ނޫންނަމަ، އެމްޑީޕީން ވަކިކޮށްފައިވާ 39،000 މެމްބަރުންގެ ވޯޓު ހޯދަން ސަރުކާރަށް ދަތިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެމީހުންގެ ބަސް އަޑުއަހާ އެތައް ބައެއް އެބައުޅޭ. އަޅުގަނޑު އަންދާޒާ ކުރާގޮތުގާ 70،000 ވޯޓު ސަރުކާރު އެބަ މިއަމަލުގެ ސަބަބުން، މި މުޑުދާރު އަމަލުގެ ސަބަބުން އެބަގެއްލޭ. އެ މީހުންގެ ބަހެއް ނެތި އެ މީހުން ޕާޓީން އުނިކުރީތީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީން ވަކިކޮށްފައިވާ މީހުން އަނބުރާ އެޕާޓީއަށް އަލުން ވައްދާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު