ޚަބަރު

އިދިކޮޅު މުޒާހަރާއިން ޝުޖާއު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެ ކޯލިޝަނުން މިރޭ ކުރިއަށްގެންދާ މުޒާހަރާތެރެއިން ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ހައްޔަރުކޮށްފިއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

އިދކޮޅު ކޯލިޝަންގެ ތަރުޖަމާނު ހިނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ، ޔާމީން މިނިވަންކުރުމަށް ގޮވާލައި މިރޭ ކުރިއަށްދާ މުޒާހަރާ ތެރެއިން ޝުޖާއު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ފުލުހުން ޝުޖާއު ހައްޔަރުކޮށްފައިވަނީ ސޯސަން މަގު ކަންމަތިންނެވެ. އިދިކޮޅު ކޮންމެ ރެއަކު މުޒާހަރާ ކުރަމުންދަނީ އެ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެކޮޅު ހުންނަ ސަރަހައްދަށްވާތީއެވެ.

ޔާމީނަށް ޖަލު ހުކުމެއް އިއްވި ދުވަހު އިދިކޮޅުން ބުނެފައިވަނީ، އެ ހުކުމަކީ ޔާމީނަށް އިއްވި ހުކުމަކީ ޝާހިދުގެ ބޭނުންވި ގޮތަށް އިއްވި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމަކީ އިންޑިއާއިން ފޮނުވި ހުކުމެއް ކަމަށެވެ.