ފްރާންސްގެ ޖޫނިއާ ގައުމީ ޓީމަށް ކުޅެމުން އަންނަ ޕީއެސްޖީގެ ފޯވާޑް އިލްޔާސް ހުސްނީގެ ހުވަފެނަކީ މޮރޮކޯގެ ގައުމީ ޓީމަށް ކުޅުން ކަމަށް އޭނާގެ ބައްޕަ އަބްދުއްލަތީފު ހުސްނީ ބުނެފިއެވެ.
އުމުރުން 17 އަހަރުވީ އިލްޔާސް ހުސްނީ އުފަންވީ ފްރާންސްގައެވެ. އުމުރުން 12 އަހަރުން ފެށިގެން ތަމްރީނު ހޯދަމުން ދިޔައީ ޕީއެސްޖީގެ ޔޫތު އެކަޑެމީގައެވެ. ދާދިފަހުން ޕީއެސްޖީން ވަނީ އޭނާއަށް ޕްރޮފެޝަނަލް ގިންތީގެ ކޮންޓްރެކްޓެއްވެސް ދީފައެވެ. ޕީއެސްޖީގެ ސީނިއާ ޓީމަށް އަދި ނޭރިއަސް ފްރާންސްގެ ޖޫނިއާ ޓީމުތަކަށް އޭނާ ވަނީ ކުޅެފައެވެ.
އިލްޔާސްގެ ބައްޕަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ކުޅެން ބޭނުންވަނީ މޮރޮކޯއަށް ކަމަށާއި މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފުރުސަތު ދީފިނަމަ ފްރާންސްގެ ސީނިއާ ޓީމަށް އެރުމުގެ ވިސްނުމެއް ވެސް އޭނާ ނުގެންގުޅޭ ކަމުގައެވެ. މޮރޮކޯ ތަމްސީލު ކުރުމަކީ ލިބޭނެ ވަރަށްވެސް ބޮޑު ޝަރަފެއް ކަމަށާއި އެފަދަ ފުރުސަތަކަށް އާއިލާއިން އިންތިޒާރުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އެންމެފަހު ވޯލްޑްކަޕުގައި މޮރޮކޯ ދެއްކި ކުޅުމާއި ހޯދި ކާމިޔާބީއާ ގުޅިގެން ޔޫރަޕުގެ އެކި ގައުމުތަކަށް އުފަން ވަރަށް ގިނަ ޒުވާން ކުޅުންތެރިންގެ ޝައުގު ވަނީ މޮރޮކޯއަށް އަމާޒުވެފައެވެ. މަންމަ ނުވަތަ ބައްޕަ މޮރޮކޯއަށް ނިސްބަތްވާ ވަރަށް ގިނަ ކުޅުންތެރިން މިހާރު ތިބީ މޮރޮކޯއަށް ދޮރުހުޅުވައިގެންނެވެ. އެންމެފަހުގެ ވޯލްޑްކަޕުގައި ކުޅުނު މޮރޮކޯގެ ޓީމުގައި ގިނައީވެސް ޔޫރަޕަށް އުފަން ކުޅުންތެރިންނެވެ. އަޝްރަފު ހަކީމީ އާއި ހަކީމް ޒިޔާޝް އަދި ސުފިޔާން އަމްރާބަޠު ފަދަ ކުޅުންތެރިންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު